ކުޅިވަރު

ހަތަރުވަނަ މެޗުން މޮޅުވެ ނަގެޓްސް މުބާރާތް ކާމިޔާބުކުރުމާ ގާތަށް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މައޭމީ ހީޓާ ދެކޮޅަށް ކުޅެމުން އަންނަ ފައިނަލްސްގެ ހަތަރުވަނަ މެޗު ކާމިޔާބުކޮށް، މި މުބާރާތް ކާމިޔާބުކުރުމާ ގާތަަށް ޑެންވާ ނަގެޓްސް ޖެހިލައިފިއެވެ.

މައޭމީގައި ކުޅުނު ހަތަރު ވަނަ މެޗް ނަގެޓްސް ކާމިޔާބުކޮށްފައިވަނީ 108 ޕޮއިންތް 95 ޕޮއިންޓުންނެވެ. މިކާމިޔާބީއާއެކު ނަގެޓްސްއިން މިހާރު މިވަނީ ފައިނަލްސް ސީރީޒްގައި ތިން މެޗް އެއްެޗުގެ ލީޑެއް ނަގާފައެވެ. އަދި ދެން އެންމެ މެޗެއް ކާމިޔާބު ކޮށްގެން އެންބީއޭ ފައިނަލްސް ނަގެޓްސްއަށް ކާމިޔާބު ކުރެވިގެންދާނެއެވެ. ހަމައެއާއެކު ދެން ކުޅޭ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޑެންވަރގައި ކަމުން އަމިއްލަ ކޯޓްގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ މިމުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު މިވަނީ ނަގެޓްސްއަށް ލިބިގެން ގޮސްފައެވެ.

މިއަދު ހެނދުނު ކުޅުނު ހަތަރު ވަނަ މެޗްގައި ނަގެޓްސްގެ އާރޮން ގޯޑަންވަނީ 27 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ނިކޮލާ ޔޮކިޗްވަނީ 23 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. ހީޓްއަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 7 އެސިސްޓް ދިން ޖިމީ ބަޓްލަރއެވެ. އަދި ބޭމް އަޑެބަޔޯވަނީ 20 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ.

މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ފަސްވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ޑެންވަރގެ ބޯލް އެރީނާގައެވެ. މިމެޗް ކާމިޔާބު ކުރެވިއްޖެނަމަ ނަގެޓްސްގެ ތާރީހްގައި ފުރަތަމަ ފަހަރަށް އެންބީއޭ ފައިނަލްސް ކާމިޔާބުކޮށް ތަށި އުފުލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ނަގެޓްސް މި ފައިނަލްސްގައި ވާދަކުރާ ފުރަަތަމަ ފަހަރެވެ. ހީޓަށް މިހާރު ދެން އޮތް ފުރުސަތަކީ ބާކީ އޮތް ތިން މެޗް ކާމިޔާބު ކުރުމެވެ. ނަމަވެސް އަމިއްލަ ކޯޓްގައި އެންމެފަހުން ކުޅުނު ދެމެޗްގައި ދެއްކި ކުޅުމަށް ބަލާއިރު މިކަން ވުމުގެ ފުރުސަތު ކުޑަ ކަމަށް ބެލެވެއެވެ.