ކުޅިވަރު

ފްރެންޗް އޯޕަން: ޖޮކޮވިޗާއި ކެސްޕާ ރޫޑް ފައިނަލަށް


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ފައިނަލުން ތިންވަނައަށް ސީޑް ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޮކޮވިޗާއި ހަތަރުވަނައަށް ސީޑް ކުރެވިފައިވާ ނޯވޭގެ ކެސްޕާ ރޫޑް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ޖޮކޮވިޗް ޖާގަހޯދީ ރޭ ކުޅުނު ސެމީފައިނަލްގައި މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒްއާ ބައްދަލުކޮށް ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިމެޗް ފުރަތަމަ ދެސެޓް ވަރަށް ފޯރިގަދަކޮށް ކުޅެވުނުތަން ފެނިގެންދިޔަ ނަމަވެސް ތިންވަނަ ސެޓާއެކު އަލްކަރާޒް އަކުނިވަޔަށް ދަމަން ފެށުމާއެކު އޭނާގެ ކުޅުން މުޅިން ދަށްވެ، އެކަމުގެ ފައިދާ ޖޮކޮވިޗަށް ލިބިގެންދިޔައެވެ. މިމެޗްގެ ފުރަތަމަ ސެޓް ހައެއް ތިނަކުން ޖޮކޮވިޗް ކާމިޔާބުކުރިއިރު، ދެވަނަ ސެޓް ފަހެއް ހަތަކުން ކާމިޔާބުކުރީ އަލްކަރާޒެވެ.

ނަމަވެސް ތިންވަނަ ސެޓްގައި އެއް ގޭމް އެއް ގޭމުން ދެ ކުޅުންތެރިން އެއްވަރުވެ، ތިންވަނަ ގޭމްގައި ސާޅީސް ތިރީހުން ޖޮކޮވިޗް ކުރީގައި އޮވެ އޭނާ ސާވް ކުރަން އުޅެނިކޮށް އަލްކަރާޒް އަކުނިވަޔަށް ދަމައިގަނެ ފަރުވާ ހޯދަން ޖެހުނެވެ. ޓެނިސް ގަވައިދު ބުނާގޮތުން ގޭމެއްގެ މެދުތެރެއިން މެޑިކަލް ޓައިމް އައުޓް ނުނެގޭތީ, އެ ގޭމް ޖޮކޮވިޗަށް ލިބުނީ ކަމަށް އަމްޕަޔަރު ނިންމިއެވެ. އަދި އެއަށް ފަހު ފަރުވާ ހޯދައިގެން ކުޅުމުގެ ތެރެއަށް އައި ނަމަވެސް އަލްކަރާޒަށް މާރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއްނުވިއެވެ. މިގޮތުން ތިންވަނަ ސެޓް ޖޮކޮވިޗް ކާމިޔާބުކުރީ ހައެއް އެކަކުންނެވެ. އަދި ހަތަރުވަނަ ސެޓް ޖޯކޮވިޗް ވަނީ ހައެއް އެކަކުން ކާމިޔާބުކޮށް، މިމުބާރާތުގެ ފައިނަލުން ޖާގަހޯދާފައެވެ.

މިކާމިޔާބީއާއެކު 23 ވަނަ ގްރޭން ސްލޭމް ކާމިޔާބުކޮށް، އައު ރިކޯޑެއް ހެދުމުގެ ދޮރު މިވަނީ ޖޮކޮވިޗްއަށް ހުޅުވިގެން ގޮސްފައެވެ. އޭނާއަށް މިކަމުގައި ހުރަސް އެޅުމަށް ފައިނަލްގައި އަނެއް ކޮޅުން ވާދަކުރާ ރޫޑް ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި ޖަރުމަނުގެ އެލެގްޒެންޑަރ ޒްވަރޭވްއާ ބައްދަލުކޮށް ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް، ހައެއް ހަތަރެއް އަދި ހައެއް ސުމަކުންނެވެ.

ރޫޑް ވަނީ މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކޮށް ރަފައެލް ނަޑާލް އަތުން ބަލިވެފައެވެ. އަދި މިއީ ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލްގައި އޭނާ ވާދަކުރާ ތިންވަނަ ފަހަރެވެ. ނަމަވެސް މިހާތަނަށް ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބުކުރެވިފައި ނެތުމުން, އޭނާ ހުރީ މިފަހަރު މިމުބާރާތް ކާމިޔާބުކޮށް ގްރޭން ސްލޭމް މުބާރާތުގެ ފުރަތަމަ ތަށި ކާމިޔާބުކުރުމުގެ އަޒުމުގައެވެ.