ޚަބަރު

ޙައްޖުވެރިން ހޯމަދުވަހު ފުރަން ފަށަނީ، އެއަރޕޯޓަށް ދެވޭނެ ލުއިފަސޭހަ އިންތިޒާމްތަކެއް


1444 ވަނަ އަހަރު ރާއްޖެއިން ޙައްޖައްދާ މީހުން އަންނަ ހޯމަދުވަހު ފުރަން ފަށާނެއެވެ. މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައެވެ. އެއީ ޖޫންމަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.

މިއަހަރަކީ ކޯވިޑްގެ ކުރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތު ދޭ މިންވަރަށް ފުރުޞަތު ލިބޭ ފުރަތަމަ ފަހަރެވެ. އެގޮތުން 2 މިލިޔަން މީހުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ސަޢޫދީން މިއަހަރު ވަނީ ދީފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ޙައްޖަށްދާ މީހުން މިހާރު ވަނީ ސަޢުދީއަށް އެތެރެވާން ފަށާފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ފުރުމަށް ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދާ މީހުންނެވެ.

ޙައްޖުވެރިން ފުރަން ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު އަދި ޙައްޖުވެރިންގެ ޢަދަދު:

• 12 ޖޫން : މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (290 ޙައްޖާޖީން) – 15:10
• 13 ޖޫން : ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 12:50
• 15 ޖޫން : އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 19:00
• 16 ޖޫން : މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން (290 ޙައްޖާޖީން) – 15:10
• 16 ޖޫން : އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (90 ޙައްޖާޖީން) – 19:00
• 19 ޖޫން : މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ( 290 ޙައްޖާޖީން) – 15:10

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޙައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ޙައްޖުވެރިންނާއި އާއިލާ މެންބަރުން އެއަރޕޯޓަށް ގެންދިއުމާއި، ލަގެޖް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އުމުރުން ދުވަސްވީ އަދި ބަލިމީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާހަމައަށް ގެންގޮސްދިނުމާއި، ޙައްޖުވެރިއާ އާއި ޢާއިލާގެ މީހުން ބަހުގައި ނުވަތަ އޭސީ ފެރީގައި އެއަރޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއް ދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.

ޙައްޖަށްދާ މީހުންނަށް ޚާއްޞަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

ބަސް ދަތުރުތަކާއި ފެރީ ދަތުރުތައް ހަމަޖެހިފައިވާ ގޮތް:

* މާލެ ސިޓީ:

- ވެސްޓް ޕާކް
- ސޯޝަލް ސެންޓަރ
- 01 ނަންބަރު ފާލަން
- ހެންވޭރު ފެރީ ޓާމިނަލް
- ހައުސިންގ މިނިސްޓްރީ
- ދަރުބާރުގެ
- ޒިކުރާ މިސްކިތް
- ގަލޮޅު ދަނޑު
- ޓޭބަލް ޓެނިސް އެސޯސިއޭޝަން (ހެންވޭރު ދަނޑު ކުރިމަތި)
- އޯކިޑް / ފަރީދީ މަގު


* ހުޅުމާލެ ފޭސް 1:

- ނިރޮޅު މަގު
- ބަގީޗާ ހިނގުން

* ހުޅުމާލެ ފޭސް 2:

- ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 1
- ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 2

* ވިލިމާލެ:

- ފެރީ ޓަރމިނަލް

މިއަހަރު ޙައްޖަށްދާ ހުރިހާ ދިވެހިން މީނާ އަދި ޢަރަފާތުގައިވެސް އެއް ސަރަޙައްދެއްގައި ތިބެވޭނެ އިންތިޒާމްތައް ހައްޖުވެރިންނަށް ލުއިފަސޭހަކޮށްދެއްވުމުގެ ގޮތުން ވަނީ ހަމަޖައްސާފައެވެ.

ދިވެހި ޙައްޖުވެރިންނަށް މިއަހަރު ޚިދުމަތްދޭ "އަލް ބައިތު ގެސްޓްސް" އާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އަންނަނީ ކުރީ އަހަރުތަކުގައި ދިން ޚިދުމަތްތަކަށް ބަލާއިރު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރެއްވުމަށް މަސައްކަތްތައް ކުރައްވަމުންނެވެ.

ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 27 ވަނަދުވަހެވެ.