ޓުއަރިޒަމް

އައިޓީބީފެއަރއަށް ޓޫރިޒަމް މިނިސްޓަރ ފުރާވަޑައިގެންފި


ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާ މަންޒިލެއްގެ ގޮތުގައި އައިޓީބީ ބަރލިން ފެއަރގައި ރާއްޖެ ޕްރޮމޯޓްކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އައިޓީބީ ފެއަރގައި ބައިވެރިވެ ވަޑައިގަތުމަށް ޖަރުމަނުވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނާއިއެކު އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްވެސް މިއަދު ހެނދުނުވަނީ ބަރލިންއަށް ފުރާވަޑައިގެންފައެވެ.

މިމަހުގެ ނުވައަކުން ތޭރައަށް ޖަރުމަނުވިލާތުގެ ބަރލިންގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޓްރަވަލް ފެރައކަމަށްވާ އައިޓީބީ ފެއަރގެ ރަސްމީ ހަރަކާތްތައް މާދަމާ ފެށިގެންދާނެއެވެ.

ޖަރުމަނުވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އައިޓީބީ ފެއަރގައި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ރަށްތައް ޕްރޮމޯޓްކުރުއްވުމުގެ އިތުރަށް ރާއްޖޭގެ ތިމާވެއްޓާއި ގުޅޭ ތަފާތު މަޢުލޫމާތުތައް ފެއަރ އަށް ޒިޔާރަތްކުރާ ފަރާތްތަކާ ޙިއްޞާކުރައްވަން އިސްކަންދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީޑީއާ އާއި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ގުޅިލާމެހިފައިވާ ކަމަށާއި، އެހެންކަމުން ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފަތުރުވެރިންނާއި ޙިއްޞާކުރެއްވުން މުޙިއްމުކަމަށެވެ.

މިއަހަރުގެ އައިޓީބީ ބަރލިން ފެއަރގެ ހޯސްޓް ކަންޓްރީއަކީ ރާއްޖެއެވެ. އެގޮތުން އައިޓީބީ ފެއަރގެ ތެރޭގައި ރާއްޖޭގެ އެކި ސްޓޯލްތަކުން ފަތުވެރިކަން އިޝްތިހާރުކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރޭވިފައިވެއެވެ. މި އަހަރުގެ އައިޓީބީ ފެއަރގައި 95 ކުންފުނިން ބައިވެރިވެފައިވެއެވެ.