ކުޅިވަރު

ކަކާގެ ބަދަލުގައި ބްރެޒިލް ސްކޮޑަށް ފާމީނިއޯ


ވަރްލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ބްރެޒިލް ސްކޮޑަށް ފާމީނިއޯ ނަގައިފިއެވެ. ލިވަޕޫލަށް ކުޅެމުން އަންނަ ރޮބާޓޯ ފާމީނިއޯއަށް ސްކޮޑުން ޖާގަ ދީފައި މިވަނީ ފަހަކަށް އައިސް އޭނާ ލިވަޕޫލްގައި ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުންނެވެ.

ތަޖުރިބާކާރު މިޑްފީލްޑަރ ކަކާއަށް ސްކޮޑުން ޖާގަ ގެއްލުނީ އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށް ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން މަޢުލޫމާތުދެއެވެ. ސްކޮޑުން ޖާގަ ހޯދި ރޮބާޓޯ ފާމީނިއޯ ވަނީ ރޭ ލިވަޕޫލް ކްރިސްޓަލް ޕެލެސް އަތުން މޮޅުވި މެޗްގައި ލިވަޕޫލަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ވަރލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް މިމަހުގެ 26 ވަނަ ދުވަހު ވާދަކުރާނީ އުރުގުއޭއާއެވެ. އަދި މިމަހު 29 ވަނަ ދުވަހު ބްރެޒިލް ނިކުންނާނީ ޕެރެގުއޭއާ ދެކޮޅަށެވެ. 

ދެކުނު އެމެރިކާއަށް ނިސްބަތްވާ ގްރޫޕުން ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ބްރެޒިލް މިވަގުތު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ. ކުޅުނު ހަތަރު މެޗްވެސް ކާމިޔާބުކޮށް ގްރޫޕް އެއްވަނައިގައި އޮތީ އިކުއެޑޯއެވެ.