ޚަބަރު

ހަތް އަހަރަށްފަހު ރިޔާޟުގައި ހުންނަ އީރާނުގެ އެމްބަސީ ހުޅުވައިފި


ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ އީރާނުގެ އެމްބަސީ އަލުން ހުޅުވައިފިއެވެ. ރިޔާޟުގައި ހުންނަ އީރާނުގެ އެމްބަސީ ބަންދުކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ކަނޑައިލާފައި ވަނީ މީގެ ހަތް އަހަރު ކުރިންނެވެ. ކަނޑައިލާފައިވާ ގުޅުންތައް ދެ ޤައުމުން އަލުން އިޔާދަކޮށްފައި ވަނީ މާރިޗު މަހުގެ 10 ވަނަ ދުވަހުއެވެ. ރިޔާޟުގައި ހުންނަ އީރާނުގެ އެމްބަސީ ހުޅުވާފައިވީ ނަމަވެސް، އީރާނުގައި ހުންނަ ސަޢޫދީ އެމްބަސީ ހުޅުވާނެ ވަކި ތާރީޚެއް އަދި އިޢުލާނު ކޮށްފައެއް ނުވެއެވެ.

ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުކޮށްފައި ވަނީ ޗައިނާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރި މަސައްކަތްތަކުންވެ. ސިޔާސީ ގުޅުންތައް އަލުން އިޔާދަކުރުމާ އެކު ދެ ޤައުމުން ވެސް ވަނީ އެމްބަސީތައް އަލުން ހުޅުވަން އެއްބަސްވެފައެވެ. އީރާނުގެ އެމްބަސީ ހުޅުވާފައި މި ވަނީ ރިޔާޟުގައި ހުންނަ ސޫރިޔާގެ އެމްބަސީ ވެސް އަލުން ހުޅުވުމުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

"މިއީ ސަޢޫދީ ޢަރަބިއްޔާއާއި އީރާނުގެ ގުޅުމަށް ވަރަށް މުހިންމު އަދި ތާރީޚީ ދުވަހެއް. އެމްބަސީ އަލުން ހުޅުވުމާ އެކު ދެ ޤައުމުގެ ގުޅުންތައް އެހެން ހަރުފަތަކަށް ގެންދިޔުމުގެ މަސައްކަތް މި ވަނީ ފެށިފައި،" އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ޢަލީރިޟާ ބިގްދޭލީ ވިދާޅުވިއެވެ. އެމްބަސީގެ އިސްވެރިއެއްގެ ގޮތުން ހަމަޖައްސާފައި ވަނީ އީރާނުން ކުވެއިތަށް ކަނޑައަޅާފައި ކުރިން ހުންނެވި ސަފީރު ޢަލީރިޟާ އިނާޔަތީއެވެ.

މާރިޗު މަހުގެ 10 ވަނަ ދުވަހުގެ އެއްބަސްވުމުގެ ދަށުން ދެ ޤައުމުން ވަނީ ދެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިޙުތިރާމުކޮށް، ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އެއްބަސްވެފައެވެ. ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުކޮށްފައި ވަނީ ދެ ޤައުމުގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

2019 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދީފައިވާ މިސައިލާއިން ޑްރޯން ހަމަލާތަކެއްގެ ފަހަތުގައި ވަނީ އީރާނު ކަމަށް ސަޢޫދީން ވަނީ ތުހުމަތުކޮށްފައެވެ. ގަލްފް ކަނޑުގައި އޮތް ސަޢޫދީގެ ތެޔޮ ޓޭންކަރުތަކަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް ވެސް އެ ޤައުމުން ތުހުމަތުކުރިއެވެ. ނަމަވެސް، އީރާނުން ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާޢަތަކީ ވެސް އީރާނުން ވާގިވެރިވެދޭ ބަޔެކެވެ. އެ ޖަމާޢަތުން ވެސް ވަނީ، ސަޢޫދީ ޢަރަބިއްޔާއަށް މިސައިލް ހަމަލާތަކެއް ދީފައެވެ. އަދި، 2022 ވަނަ އަހަރުގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އަށް ވެސް ހޫޘީން ވަނީ ހަމަލާތަކެއް ދީފައެވެ.

ދެ ޤައުމުގެ ދެމެދުގައި އަލުން ގުޅުން ގާއިމުކުރުމާ އެކު، 2001 ވަނަ އަހަރު އެކުލަވައިލި ސަލާމަތާ ބެހޭ އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށުމަށާއި، ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާއިން ކުރިން ހަދާފައިވާ އެއްބަސްވުންތަކަށް އިޙުތިރާމު ކުރުމަށް ވެސް ދެ ޤައުމުން ވަނީ އަހުދުވެފައެވެ.

ރިޔާޟުގައި ހުންނަ އީރާނުގެ އެމްބަސީ އަލުން ހުޅުވާފައި މި ވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އޭނާގެ ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް-ސަޢުދާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ. އީރާނަކީ ދުޝްމަނެއްގެ ގޮތުގައި އެމެރިކާއިން ދެކެއެވެ.

ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަކީ ސުންނީންނާއި ޝިޔަޢީންނާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑެކެވެ. މި ކޯޅުންގަނޑު މެދުއިރުމަތީގެ ސަރަޙައްދުތަކަށް ފެތުރި، ދެ ޤައުމުން ދަނީ ސޫރިޔާއާއި ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ވާދަވެރި ފަރާތްތަކަށް އެއްބާރުލުން ދީފައެވެ.

ސަޢޫދީ ޢަރަބިއްޔާއިން އީރާނާ އެކު ސިޔާސީ ގުޅުން ކަނޑައިލާފައި ވަނީ 2016 ވަނަ އަހަރު ތެހެރާނުގައި ހުންނަ ސަޢޫދީ ޢެމްބަސީއަށް ބަޔަކު ވަތް ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާ ހިނގާފައި ވަނީ، ސަޢޫދީ ޢަރަބިއްޔާއިން އެ ޤައުމުގައި އުޅޭ ޝިޔަޢީންގެ ދީނީ ޢިލްމުވެރިއަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެންނެވެ.