ވިޔަފާރި

ފަޅުވެރިން ރާއްޖެ ގެނެސްފި، ބޯޓުތައް ގެނައުމަށް ދަނީ މަސައްކަތްކުރަމުން: އެފްއެސްއެމް


މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރުކުރަނިކޮށް އެފްރިކާގެ ޤައުމެއްކަމަށްވާ އެރިޓްރިއާގައި ހިފެހެއްޓި ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ބޯޓުގައި ތިބި ދިވެހި ފަޅުވެރިން ރާއްޖެ ގެނެސްފިއެވެ.

މިސްރުން ރާއްޖެއަށް ދަތުރުކުރި ދެ ބޯޓު އެރިތުރިއާގައި ބަނދަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު، މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެ ގައުމުގެ ސިފައިން އެ ދެ ބޯޓު ހިފެހެއްޓީ ހުއްދަ ނުހޯދާ އެރިތުރިއާއަށް އެތެރެވި ކަމަށް ބުނެއެވެ. ނަމަވެސް ބޯޓު ބަނދަރުކުރުމުގެ ކުރިން ހުއްދަ ހޯދަން މަސައްކަތް ކުރިކަމަށް އެފްއެސްއެމްއިން ވަނީ ބުނެފައެވެ،

އެފްއެސްއެމްގެ 2 ބޯޓާއި އަދި އަމިއްލަ ފަރާތެއްގެ ތެޔޮ އުފުލާ ބޯޓެއް ވަނީ އެރިޓްރިއާގައި ހިފަހައްޓާފައެވެ. މި 3 ބޯޓުގައި ތިބި ދިވެހި 4 ފަޅުވެރިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އަދި މިސްރުގެ ފަޅުވެރިން ވަނީ އެ ޤައުމަށް އަނބުރާ ގޮސްފައެވެ.

2019 ވަނަ އަހަރު އެފްއެސްއެމުން ވަނީ ތެޔޮ އުފުލާ 4 ބޯޓު ބަނުމަށް މިސްރުގެ ކުންފުންޏަކަށް ހަވާލުކޮށްފައެވެ. މީގެ 1 އަހަރު ކުރިން ވަނީ މީގެތެރެއިން 2 ބޯޓު ރާއްޖެ ގެނެސްފައެވެ.

އެރިޓްރިއާގައި ހިފެހެއްޓި 2 ބޯޓަކީ ބާތީއޮތް 2 ބޯޓެވެ. މި 2 ބޯޓަކީ 250 ހާސް ލިޓަރުގެ ކެޕޭސިޓީގެ ބޯޓުތަކެއްކަމަށް އެފްއެސްއެމްއިން މައުލޫމާތުދެއެވެ. އަދި މިއިން ކޮންމެ ބޯޓެއް ބަނުމަށް ގާތްގަނޑަކަށް 11 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް މައުލޫމާތުލިބެއެވެ.

މި 2 ބޯޓު ރާއްޖެ ގެނައުމުގެ މަސައްކަތް އެފްއެސްއެމްއާއި ފޮރިން މިނިސްޓްރީ ގުޅިގެން ދަނީ ކުރަމުންނެވެ.