ޚަބަރު

ފަނޑިޔާރުންގެ އެންމެ ބޮޑު ޒިންމާއަކީ ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުން: އުއްތަމަފަނޑިޔާރު


ފަނޑިޔާރުކަމުގެ ޒިންމާއަކީ ހަވާލު ކުރެވޭ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި، ފަނޑިޔާރުން ކުރައްވާ ކޮންމެ ހުކުމަކީ އަދުލުވެރިކަމާއި އިންސާފާއިއެކު ކުރައްވާ ހުކުމަކަށް ވާންޖެހޭނެކަމުގައި ދިވެހި ރާއްޖޭގެ އުއްތަމަފަނޑިޔާރު އަލް އުޘްތާޒު އަހުމަދު މުޢުތަސިމް ޢަދުނާން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ކްރިމިނަލް ކޯޓަށާއި، މެޖިސްޓްރޭޓް ކޯޓަށް 03 ފަނޑިޔާރަކު ޢައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންނަކީ ޤައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެެމެހެއްޓުމުގެ އެންމެ މަތީ ޒިންމާ ހަވާކޫކުރެވިފައިވާ އެއް ފަރާތްކަމުގައެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންގެ އެންމެ ބޮޑު ޒިންމާއަކީ ދިވެހި ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުންކަމަށެވެ. އަދި ދައުލަތުގެ މަސްލަހަތު ހިމާޔަތް ކުރެވޭނީ ޤާނޫނު އަސާސީގައި ބަޔާންކުރައްވާފައިވާ ގޮތަށް ޢަދުލުވެރިކަމާއިއެކު މަސައްކަތް ކުރެވިގެންކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. މީގެއިތުރުން ފަނޑިޔާރެއްގެ ކުރިފުޅު މައްޗަށް ހުށަހެޅޭ މައްސަލަތަކާއި، މައްސަލަތަކުގައި ހާޒިރުވާ ހަސްމުންނާއި، ވަކީލުންނާއި މުޚާތަބު ކުރަންވާނީ އިހުތިރާމާއިއެކުކަންވެސް އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެެވެ.

"ފަނޑިޔާރުންނާއި ހަވާލު ކުރެވޭ މަސްއޫލިއްޔަތާއިއެކު ކުރާ ހުކުމެއް ކުރަންވާނީ ޢަދުލުވެރިކަމާއި އިންސާފުން. ކޮންމެ ފަނޑިޔާރަކުވެސް ވާންޖެހޭނީ އިހުސާންތެރި އަކަށް. ހުރިހާ ހަސްމުންނާއި، ވަކީލުންނަށްވެސް އިޚުތިރާމްކުރާ، ނިންމުމަކީ އަދުލުވެރިކަމާއިއެކު ނިންމާ ނިންމުމަކަށް ވާންޖެހޭ." އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފެންނަ ތަނުގައިވެސް އަދި ނުފެންނަ ތަނުގައިވެސް ފަނޑިޔާރުންނަކީ ރިވެތި އަޚުލާގާއިއެކު މުޖުތަމައުގެ އެހެން މީހުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭކަމަށެވެ. ފަނޑިޔާރުންގެ އަޚުލާގާއި ސުލޫކަކީ މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި އެންމެ މުހިންމު އިސްކަމެއް ދެއްވަންޖެހޭ އެއްކަންތައްކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ. މިމަސައްކަތުގައި ކޮންމެ ފަނޑިޔާރަކުވެސް ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތައް ބަލައި މުތާލިޢާކުރައްވަންޖެހޭކަމަށެވެ.

ފަނޑިޔާރުން ހުވާ ކުރެއްވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި ކްރިމިނަލް ކޯޓަށް އަލްއުސްތާޛާ ޢާއިޝަތު ނުޒުހާ އަދި ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އަލްއުސްތާޛާ ޢައިޝަތު ޝިހާބަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ..