ޚަބަރު

ކޯޓުތަކުން މައްސަލަތައް ނިންމުން ލަސްވުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ހިސާން


އިންސާފު ހޯދުމަށް އެދޭ މީހާއަށް އިންސާފަށް އެދި ކޯޓުތަކަށް މައްސަލަތައް ހުށަހެޅުމުން އެންމެ އެދެވޭ އަވަސްމިނުގައި މައްސަލަތައް ކުރިއަށް ނުދާކަމަށް ވިދާޅުވެ، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސެއިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހައިކޯޓާއި، ކްރިމިނަލް ކޯޓު އަދި މެޖިސްޓްރޭޓް ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތާއި، މުސާރައާއި، ކުރިއެރުމަށް މިދިޔަ މުއްދަތުގައި ބޮޑެތި ކުރިއެރުންތަކެއް ގެނެވިފައިވާކަމަށެވެ.

ހިސާން ވިދާޅުވީ ފަނޑިޔާރުންގެ މުސާރައަށް މިވީ 10 އަހަރު ތެރޭގައި ނުގެނެވޭ ވަރުގެ އުމްރާނީ ތަރައްޤީވެސް މިދިޔަ 4 އަހަރު ގެނެވިފައިވާކަމަށާއި ޝަރުއީ ނިޒާމަށް ބޭނުންވާ ބޭރުގެ އެހީތެރިކަމާއި، ތަމްރީނާއި، ކޯޓުތަކަށް ޒަމާނީ ވަސީލަތްތައް ހޯދައި، ތަރައްޤީ ކުރެވިފައިވާކަމަށެވެ. ނަމަވެސް ލިބުނު ކުރިއެރުމާއި އެއްވަރަށް ރައްޔިތުން އެދޭ ނަތީޖާ ކޯޓުތަކުން ނުނެރެވޭ ކަމީ ކަންބޮޑުވާ ކަމެއްކަމަށް ހިސާން ވިދާޅުވިއެވެ.

"ހިތާމައާއިއެކު ފާހަކަ ކޮށްލަން ޖެހެނީ މިހުރިހާ ފަސޭހަކަތަކައި، ބަދަލުތަކާއި، ވަސީލަތްތަކާއިއެކު އަޅުގަނޑުމެން އުންމީދުކުރި މިންވަރާއި ގާތަށްވެސް ކޯޓުތަކުގެ ދުވެއްޔަށް ބަދަލު ގެނެވިފައި ނުވާކަން. ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި އެކަށީގެންވާ ދުވެލޭގައި އެކަންކަން ނުހިނގާކަމުގެ ޝަކުވާ ދަނީ އަބަދުވެސް ލިބެމުން." ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ޖޭއެސްސީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ 55 އިންސައްތަ އަކީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވެގެން ހުށަހެޅޭ މައްސަލަތައް ކަމަށެވެ. އަދި މައްސަލަތައް ލަސްވެގެން އަވަސްކޮށް ދެއްވުމަށް ކޯޓުތަކުގައި އަބަދުވެސް އެދެމުންދާކަމަށާއި، ނަމަވެސް އެންމެ އެދެވޭ ނަތީޖާ ފެނިވަޑައިނުގަންނަވާކަން ހިސާން ފާހަގަކުރެއްވިއެވެ.

ހިސާން ވިދާޅުވީ ކޯޓުތަކަށް އަދިވެސް ވަސީލަތްތަކާއި، މުވައްޒަފުން ދަތިކަން އޮތްކަން ފާހަގަވާކަމަށާއި، ނަމަވެސް ހުރިހާ ކަމެއް ހަމަޖެހިގެން ނަތީޖާ ނެރެން މަޑުކުރުމަކީ އިންސާފަށް އެޅޭނެ ހުރަހެއްކަމަށެވެ.

"އަލުދު އިންސާފު ދޮރުގައި ޓަކިޖަހާ ކޮންމެ މީހަކަށް އިންސާފު ލިބެންޖެހޭ. އެކަން ކުރުމުގެ މަތިވެރި މަސްއޫލިއްޔަތާއި ހަވާލުވެ އަޅުގަނޑުމެން މިތިބީ." ހިސާން ވިދާޅުވިއެވެ.

ޖޭއެސްސީގެ ރައީސް ވަނީ އަލަށް ކޯޓުތަކަށް އައްޔަން ކުރެއްވި ފަނޑިޔާރުންވެސް މިކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވައި، ހުށަހެޅޭ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ..