ޚަބަރު

ޤާނޫނުގައިވާ ގޮތުގެ މަތީން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިއަށްދާނެ: މަޖިލިސް


ޤާނޫނު އަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ 54 މެމްބަރުންގެ ސޮޔާއެކުއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 56 މެމްބަރުން ތިއްބަވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުންނެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާކަމަށެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދަވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށްވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރައްވަން 44 ވޯޓު ބޭނުންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިރު، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް އަންނަ އާދީއްތަ ދުވަހަށް ހަމަވާނެއެވެ. އާދީއްތަ ދުވަހު ޖަލްސާ ބާއްވާގޮތަށް ކުރިން އޮތް ނަމަވެސް މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރައްވާފައިވަނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގެ ހޯދަ ދުވަހު ކަމަށެވެ.

މަޖިލީހުގެ ނައިބް ރައީސްގެ މައްސަލަ ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ޢާންމު ކޮމެޓީން މިމައްސަލައިގެ ބަހުސްގެ ވަގުތު ކަނޑައެޅުއްވުމުންނެވެ. ނަމަވެސް މަޖިލީހުގެ މެމްބަރުންގެ ތެރެއިން 13 މެމްބަރަކު ޕާޓީ ބަދަލު ކުރެއްވުމާއި ގުޅިގެން މަޖިލީހުގެ ކޮމެޓީތައް ބެހުމުގައި ޚިޔާލު ތަފާތުވެ ކޮމެޓީތައް ވަނީ ހުއްޓިފައެވެެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން މެންބަރުންނަށް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ފެނިއްޖެނަމަ އެ މައްސލަ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ.

މައްސަލަ މަޖިލީހަށް ވައްދާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި ޢަމީން ޢާންމު، މަޖިލީހުގެ މެމްބަރުންނަށާއި، މަޖިލީހުގެ ރައީސަށް ނޯޓިސް ދެއްވުމަށްފަހު، އެނޯޓިސް ދޭ ތާރީޚުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހެއްގައި ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރައްވަންޖެހެއެވެ.

ހަމަ މިއާއިއެކު ނޯޓިސްގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހަޅުއްވާފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަވަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެއްވުމުގެ މައްސަލއަށް ގޮތެއް ނިންމެވުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގައިވެއެވެ.