ޚަބަރު

ޗާގޯސް މައްސަލާގައި އިހުމާލުވި ބަޔަކު ހޯދާ، އިންކުއަރީއެއް ހަދަން ތައްޔާރު: އަސްލަމް


ރާއްޖެއާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލައިގައި އެކި ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން މިމައްސަލާގައި އިހުމާލުވާ ބަޔަކުތިބިނަމަ އެބަޔަކު ހޯދާ، ފުރިހަމަ އިންކުއަރީއެއް ހެދުމަށް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، ރާއްޖެއިން ހުށައެޅިގޮތަށް، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ވަނީ ނިންމާފައެވެ. މިމައްސަލާގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާއި، ދައްކަމުންދާ ވާހަތަކާއި ގުޅިގެން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މިމައްސަލަ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީން ބަލަން ބޭނުންވާ ކަމަށެެވެ.

މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި އޮތުމަކީ ކަންބޮޑުވުމެއް ކަމަށާއި، މިމައްސަލާގައި އިދިކޮޅު ފަރާތްތަކުން ކޮމެޓީއަށް ތުހުމަތުކުރައްވާ، ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހޯއްދެވުމަށް އެދިވަޑައިގެންފައިވާކަމަށެވެ. ނަމަވެސް މިކަންވެސް ކުރެވެން އަންނަނީ ކޮމެޓީތައް އެކުލަވާލެވިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ވަރަށް ތަފްސީލްކޮށް އަޅުގަނޑުމެން ބަލަންޖެހޭ މިކަމުގައި އިހުމާލުވާ ބަޔަކު ތިބިނަމަ، އެއިހުމާލުވާ ބައެއްވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުން ބަލައި ހޯދަންޖެހޭ. މިކަމުގެ ހަގީގަތަށް ތަފްސީލްކޮށް ވާސިލް ވާންޖެހޭ ކަމަށް އަޅުގަނޑު ދެކެނީ. އެފަދަ މަސައްކަތެއް ކުރަން ވަރަށް އެކަށީގެންވާ ފޯރަމެއް 241 ކޮމެޓީއަކީ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ކޮމެޓީގެ ބައްދަލުވުމަކަށް އެޖެންޑާކޮށް، ކޮމެޓީގެ ބައްދަލުވުމަކަށްފަހު މިމައްސަލާގައި މެމްބަރުން ބޭނުންފުޅުވާ ގޮތަށް ކުރިއަށް ގެންދަން ބޭނުންވާކަމަށެވެ. މިމައްސަލާގައި ކުރަމުންދާ ތުހުމަތުތަކާއި، ދައްކާ ވާހަކަތަކަކީ ޤައުމުން ބައެއް ދޫކޮށްލައިގެން އުޅޭކަމަށް ކުރެވޭ ތުހުމަތަކަށްވާއިރު، މިކަމުގައި ރަނގަޅު އިންކުއަރީއެއް ހަދަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މައްސަލައާއި ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކަށް ބަލާއިރު، ރަނގަޅު ފުރިހަމަ އިންކުއަރީއެއް މިމައްސަލާގައި ހަދަންޖެހޭ. ރާއްޖޭގެ ސަރަހައްދު، އަދި ތުހުމަތު މިކުރަނީ ވިއްކާލީއޭ. ވަރަށް ހުތުރުކޮށް ބައެއް ފަރާތްތަކުން ތުހުމަތު މިކުރަނީ. ކަމުގެ ހަގީގަތަކީ ކޮބައިތޯ ބަލަންޖެހޭ. 241 ކޮމެޓީން މުޅި މިމައްސަލަ ބަލައި، ކިހިނެއްތޯ ކޮން ހިސާބަކުންތޯ މިމައްސަލަ އޮތީ. ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރުލިބިގެންވާ ސަރަހައްދަކީ ޤާނޫނު ބުނަނީ ކޮން ސަރަހައްދެއްތޯ. ސިޔާދަތީ ހައްގު ލިބިގެންވާ ސަރަހައްދަކީ ކޮބައިތޯ؟ ކިހިނެތްތޯ މިކަން މިވަނީ. ސިޔާދަތީ ހައްގު ލިބިގެންވާ ސަރަހައްދާ ގުޅޭގޮތުން ޑީލިމިޓް ކުރަން މިޖެހުނީ ކީއްވެތޯ؟ އިޓްލޮސްއަށް މިދިޔައީ ކޮންބައެއްތޯ؟ އިޓްލޮސްއަށް ދިއުމުގެ ހައްގު އޮންނަނީ ކިހާމުއްދަތަކަށްތޯ؟" އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަކީ ޤާނޫނު އަސާސީން ބާރުލިބިގެން އުފައްދާފައިވާ ހަމައެކަނި ކޮމެޓީއެވެ. ކޮމެޓީ އެކުލަވާލެވިފައިވަނީ ސިޔާސީ ހުރިހާ ޕާޓީއެއް އެކުލަވާލެވޭ ގޮތަށެވެ. ޗާގޯސް މައްސަލާގައި މޮރިޝަސް އާ ދެކޮޅަށް މި މައްސަލަ ނިމުމާ ގުޅިގެން، ދެޤައުމުން ފުށުއަރާ ސަރަޙައްދުން ރާއްޖެއަށް 4،600 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އިތުރަށް ވަނީ ލިބިފައެވެ.