ޚަބަރު

ރައީސް އޮފީހުން ވިދާޅުވީ ސިޓީފުޅު 241 ކޮމެޓީއާ ހިއްސާކުރާނެކަމަށް: އާޒިމް


މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވިކަމަށް ބުނާ ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއާއި ހިއްސާ ކުރައްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހޯއްދެވުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ވަނީ މިއަދު ރައީސް އޮފީހަށް ވަޑައިގެންފައެވެ. ރައީސް އޮފީހަށް ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީ އުފައްދަން މަސައްކަތް ކުރާ މެމްބަރުންނާއި ޕީޕީއެމް ޕީއެންސީގެ މެމްބަރުންނާއި، އެމްއެންޕީގެ މެމްބަރުން ހިމެނެއެވެ.

ރައީސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މެމްބަރު އަލީ އާޒިމް ވިދާޅުވީ، މިމައްސަލާގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާތާ 8 މަސް ދުވަސް ވެއްޖެކަމަށެވެ. އާޒިމް ވިދާޅުވީ ހޯދަން އުޅުއްވި ސިޓީ ހިއްސާ ކުރެވޭނީ މަޖިލީހުގެ 241 ކޮމެޓީއާކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ވިދާޅުވެފައިވާކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ވިދާޅުވީ ސިޓީފުޅު މަޖިލީހުގެ 241 ކޮމެޓީއާއި، ހިއްސާ ކުރައްވާނެކަމަށް. އަޅުގަނޑުމެން އެދުނިން މިމައްސަލާގައި ރައީސާއި ބައްދަލު ކޮށްލެއްވުމަށްވެސް ނަމަވެސް އެފުރުސަތު ނުދެއްވި" އާޒިމް ވިދާޅުވިއެވެ.

ކޮމިޓީތައް އެކުލަވާލެވި ކޮމިޓީތަކުގެ މަސައްކަތް ފެށުމުން ޗާގޯސްގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވިކަމަށް ބުނާ ސިޓީފުޅު ހޯއްދެއްވުމަށް 241 ކޮމެޓީން އެދޭނެ ކަމުގައި އެކޮމެޓީގެ މުޤައްރިރު މުހައްމަދު އަސްލަމްވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީތައް އެކުލަވާލިވެފައި ނުވުމުން މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.