ޚަބަރު

މަޖިލިސް ރައީސް މަޤާމުން ވަކި ކުރެއްވުމަށް 54 މެމްބަރުންގެ ސޮޔާއެކު ހުށަހަޅުއްވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރެއްވުމަށް 54 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 56 މެމްބަރުން ތިއްބަވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށްވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރައްވަން 44 ވޯޓު ބޭނުންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކި ކުރެއްވުމަށް ސޮއި ނުކުރައްވާ އެމްޑީޕީގެ 4 މެމްބަރަކު ހިމެނެއެވެ. ނަމަވެސް ރައީސް ނަޝީދު މަޤާމުން ވަކި ކުރެއްވުމަށް ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މީދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި މިނިވަން މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ޢަބްދުﷲ އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.

ޤާނޫނު އަސާސީގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބް ރައީސްކަމަށެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް އޮތީ މަޖިލީހަށް ވައްދާފައެވެ.