ޚަބަރު

ޑިމޮކްރެޓްސްގެ ފޯމުތައް ލީކުވުމުގައި ކޮމިޝަންގެ އިހުމާލެއް ނެތް: އިލެކްޝަންސް


"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ލިސްޓު ޢާންމުވުމުގައި ކޮމިޝަންގެ އެއްވެސް އިހުމާލުވުމެއް ނުވާނެކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ގައި ޙަރަކާތްތެރިވެވަޑައިގަންނަވާ މެންބަރުން އިސްވެ ތިއްބަވައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވީ މިޔަމަހުގެ 24 ވަނަ ދުވަހުއެވެ.

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ފޯމުތައް ލީކު ކޮށްލާފައިވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ތުހުމަތު ކުރާ ކަންތައްތައް ދޮގުކުރައްވައި ނެރުނު ބަޔާނުގައި ވިދާޅުވީ، ކޮމިޝަންގެ ތެރެއިން މިފަދަ ކަމެއް ނުހިނގާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަނަށް ހުށަހަޅާފައިވާ ފޯމުތައް ލީކުވެފައި ނުވާނެކަމަށެވެ. އަދި މިފަދަ އެއްވެސް ޢަމަލެއް، ކޮމިޝަނުގެ އެއްވެސް މެންބަރަކު ނުވަތަ މުވައްޒަފަކު ހިންގާފައި ނުވާކަމުގެ ޔަގީންކަން ކޮމިޝަނުން ވަނީ ދެއްވާފައެވެ.

އިލެކްޝަނުން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކޮމިޝަން ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ކޮމިޝަނާއި، ކޮމިޝަނުގެ މެންބަރުންނާއި، މުވައްޒިފުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭގޮތަށް އެއްވެސް ފަރާތަކުން ކޮމިޝަން މަތިކޮށް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހުށަހަޅުއްވާފައިވާއިރު، ކޮމިޝަނުން ވަނީ އެޕަޓީން ހުށަހެޅުއްވި ފޯމުތަކަށް މިހަފްތާގެ އާދީއްތަ ދުވަހު ޝަކުވާއަށް ހުޅުވާލާފައެވެ. އަދި ތިން ހަފްތާގެ ތެރޭގައި ފޯމުތައް ޗެކް ކުރެއްވުމަށްފަހު އިލެކްޝަނުން ނިންމަވާގޮތެއް ހާމަ ކުރައްވާނެކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބަޔާންކުރާ ގޮތުން ޕާޓީ ރަޖިސްޓްރީކުރުމަށް 3000 މެންބަރުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ. ޕާޓީ އުފެއްދުމަށް ދަ ޑިމޮކްރެޓްސް އިން ހުށަހެޅީ 3560 ފޯމާއިއެކުއެވެ.