ޚަބަރު

މަހުގެ އުފެއްދުންތައް ގަނެވިއްކުމާ ގުޅޭގޮތުން ރާއްޖެއާއި ކިރިބާސްއާ ދެމެދު މުހިއްމު މަޝްވަރާތަކެއް


ދެމެހެއްޓެނިވި ގޮތެއްގައި މަހުގެ އުފެއްދުންތައް ގަނެވިއްކުމާ ގުޅޭގޮތުން ރާއްޖެ އާއި ކިރިބާސް ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުން ބޭއްވީ ރާއް ޖެއާއި ކިރިބާސްއާއި ކޮމަންވެލްތު ބްލޫ ޗާޓަރާ ގުޅިގެންނެވެ.

"ސަސްޓެއިނަބަލް ސޯސިން އިން ދަ ޓްރޭޑް އޮފް ފިޝް ޕްރޮޑަކްޓްސް: ކޮމަންވެލްތު ސިޑްސް ލީޑިންގ ދަ ވޭ" ނަމުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ވަނީ ކޮމަންވެލްތުގައި ހިމެނޭ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަކޮށްގެން މަސްވެރިކަމުގެ ވިޔަފާރީގައި ދެމެހެއްޓެނިވި ގޮތެއްގައި މަސް ބާނާނެ ގޮތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްފައެވެ.

މިބައްދަލުވުމުގައި ބައިވެރިންނަށް މަރުޙަބާ ވިދާޅުވެ، މުޚާތަބުކުރައްވާފައިވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑެވެ. އޭނާގެ ވާހަކަފުޅުގައި ވަނީ ދެމެހެއްޓެނިވި ލަނޑުދަނޑިތަކެއް ޙާޞިލުކުރުމަށާއި، ކަމާބެހޭ މުހިއްމު ބައިވެރިންގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށާއި، މަސްވެރިކަމުގެ ދާއިރާގައި ޒިންމާދާރު އަދި ތިމާވެށްޓާ ރައްޓެހި އާދަތައް ކުރިއެރުވުމަށްޓަކައި މިބައްދަލުވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.


މި ބައްދަލުވުމުގެ މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު، ޑރ. ފަރަޙްނާޒް ފައިޞަލްއެވެ.

އެކަމަނާއާއެކު މި ބައްދަލުވުމުގައި ކިރިބާސްގެ މިނިސްޓަރ އޮފް ޓޫރިޒަމް، ކޮމާރސް އިންޑަސްޓްރީ އެންޑް ކޫޕަރޭޓިވްސް، ބޫޓީ ނައުއަން އާއި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނާއިބު، ރިޔާޒް މަންޞޫރާއި މެރީން ސްޓްވާޑްޝިޕް ކައުންސިލުގެ ހެޑް އޮފް ސައިންސް އެންޑް ސްޓޭންޑަރޑްސް، ޑރ. ރޯހާން ކަރީ އާއި ކޮމަންވެލްތު ސެކްރިޓޭރިއޭޓްގެ އެޑްވައިޒަރ، އެގްރިކަލްޗަރ އެންޑް ފިޝަރީޒް ޓްރޭޑް ޕޮލިސީ، ޑރ. ބެންޖަމިން ކްވާސީ އައްޑޮމް ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަންނެލި މަސްވެރިކަމަށް އެކަށޭނެ މާޙައުލެއް ޤާއިމުކުރުމާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްވެރިކަމުގެ ސިނާޢަތްތައް ބަލައިގަތުމުގަ އާއި، އެ ސިނާޢަތްތަކަށް ދެމެހެއްޓެނިވި މަސްވެރިކަން ކުރާކަމުގެ ސެޓްފިކެޓުތައް ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ހިމެނެއެވެ. އަދި މަސްވެރިކަމުގެ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތެއްގައި ގަނެވިއްކުމަށް ބާރުއެޅުމަށްޓަކައި ޑިޖިޓަލް ޑިވައިޑް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން މިބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކުރައްވައިފައެވެ.