ޚަބަރު

މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރެއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި، ނެގި ވޯޓުގެ ސާފު އަޣުލަބިއްޔަތުންނެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމެވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ތަކުރާރުކޮށް، ޤާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާއި ޚިލާފަށް އަމަލު ކުރައްވަމުން ގެންދަވާތީކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިމައްސަަލަ މަޖިލީހަށް ވެއްދުމަށްޓަކައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 44 މެމްބަރުންގެ ތެރެއިން 36 މެމްބަރުންގެ ވޯޓާއިއެކު ކަމަށެވެ. މިމައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހެޅުއްވުމަށް ގަސްތު ކުރައްވަނީ މަޖިލީހުގެ ސާފު ޢައުލަބިއްޔަތާއިއެކުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މައްސަލަ އަޅުގަނޑުމެން ހުށަހަޅާނީ މަޖިލީހުގެ ޢައުލަބިއްޔަތުގެ ސޮއި ލިބުމަށްފަހު. އެއީ 44 ސޮއި. ދެން އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން. ދެން އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި 50 އިން މަތިވެސް ވެދާނެ." އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރައްވަން 44 ވޯޓު ބޭނުންވާނެއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް 19 ވަނަ މަޖިލީހުގައި އެކި ހާލަތްތަކުގައި ޤާނޫނާއި ޚިލާފް އެތައް ކަމެއް ކުރައްވާފައިވާކަމަށެވެ. ނަމަވެސް މިކަންކަމުގައި މަޝްވަރާ ކުރައްވައި ހަމަ މަގަށް ރުޖޫޢަވުމަށް އެތަކެއް ފުރުސަތުތަކެއް ދެއްވިކަމަށެވެ. އަދި މަޖިލީހުގެ ރައީސަކީ އެމްޑީޕީގެވެސް އެތައް ބަޔަކު އިހުތިރާމް ކުރައްވާ ބޭފުޅަކަށްވުމުން އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމާ ހަމައަށް ނުގޮސް މިހާތަނަށްވެސް މަޑު ކުރެއްވީ ޤާނޫނުގެ ތެރެއިން ކަންކަން ކުރެއްވުމަށް ޖާގަ ދެއްވުމަށް ކަމަށެވެ.

"ކޮންމެ ދުވަހަކު މިހިނގާ ޢަމަލުތަކާއި ގުޅޭގޮތުން އަޅުގަނޑުމެންގެ ހިތުގައި އުފެދިފައިވާ ލޯތްބާއި އިހުތިރާމާއި ގަދަރު ކުޑަވަމުން ގޮސް މިއަދަކީ މިއީ އަޅުގަނޑުމެންނަށް އިތުރަށް ދެން އެމަނިކުފާނު މަޖިލީހުގެ ރައީސްކަމުގައި ބައިންދައިގެން އިތުރަށް ފުރިހަމައަށް ހިންގިދާނެކަމަށް ގަބޫލު ނުކުރެވުނު ހިސާބަށް އާދެވުނު ދުވަސް. އެހެންކަމުން އެނިންމެވުން އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން އެގޮތަށް އެނިންމެވީ." އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބް ރައީސެވެ. މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ މައްސަލަވެސް އޮތީ މަޖިލީހަށް ވައްދާފައެވެ. އަސްލަމް ވިދާޅުވީ މިހާލަތުގައިވެސް މިމައްސަލަތައް މަޖިލީހުގެ ގަވާއިދު ތަންދޭ ގޮތުގެ މަތީން ކުރިއަށް ގެންދެވުމަކީ ކުރައްވަންޖެހޭ ކަމެއްކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްބާރު ތަމްސީލްކުރާ މުއައްސަސާ. ރައްޔިތުންގެ މަޖިލިސް ހިނގަންވާނީ ޤާނޫނު އަސާސީއާއި އަދި މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ހަމަތަކުގެ މަތީން. އެގިވަޑައިގަންނަވާނޭ ފަދައިން މަޖިލީހުގެ ގަވާއިދަކީ ޤާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ ހަމައެކަނި ގަވާއިދު. އެހެން ކަމުން މިއީ ވަރުގަދަ ގާނޫނެއް. މިޤާނޫނަށް ހުރިހާ އެންމެން ބޯލަނބާ ކިޔަމަން ވުމަކީ ހުރިހާ އެންމެންގެވެސް މަސްއޫލިއްޔަތެއް." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، އެމްޑީޕީއަށް ކާމިޔާބު ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އަދި މިމައްސަލާގައި މެމްބަރުން ތިއްބެވީ މަޖިލިސް ހުއްޓުމަށް ގެނެސް މަޖިލީހުގެ ކޮމެޓީތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ތައްޔާރަށް ކަމަށެވެ.