ޚަބަރު

ހިތަދޫއިން ޒަޙަމްތަކާއެކު ފެނުނު ކުއްޖަކަށް ފަރުވާދޭން ފަށައިފި


އައްޑޫ ސިޓީ ހިތަދޫއިން ޒަޙަމްތަކަކާއެކު މިރޭ ފެނުނު ކުއްޖަކަށް އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގާއި ގުޅިފައިވާ ގޯޅިގަނޑެއްގެ ތެރެއިން ޒަޙަމްތަކަކާއެކު މިރޭ ފެނިފައިވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއްކަމަށެވެ. އަދި އެކުއްޖާ ފެނިފައިވަނީ މިރޭ 10:05 އެހާއިރު ކަމަށާއި، އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިހާރު ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް މި ހާދިސާއާގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. 

މި ޙާދިސާއާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް އެއްވެސް މީހަކު ގެންގޮސްފައިނުވާއިރު، ފުލުހުން ދަނީ މި ޙާދިސާ އިތުރަށް ތަޙުޤީޤުކުރައްވަމުންނެވެ.