ޚަބަރު

ކޮމެޓީތައް އެކުލަވައިނުލެވޭތީ މިނިސްޓަރ ޝާހިދުގެ އިތުބާރުނެތް މައްސަލަ ފަސްކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާނުލެވި އޮތުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން ނަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހެޅުއްވީ، މަޖިލީހުގެ 13 މެމްބަރެއްގެ ސޮޔާއެކުގައެވެ. ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރައްވާފައިވަނީ މިއަދަށެވެ. ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރައްވާފައި ވަނިކޮށް މައްސަލަ ނެންގެވީ މަޖިލީހުގެ ކޮމިޓީތަކުގެ މެންބަރުން އަލުން އެކުލަވާލެއްވުމުގެ މަސައްކަތް ނުނިމޭތީއެވެ. އިދިކޮޅުން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލަ އިޓްލޮސް އިން ނިންމިއިރު ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައި މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތަކަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކުރެއްވުމަށްފަހުއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެންނަންޖެހުނީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ 13 މެމްބަރަކު އެޕާޓީން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ. އެ މެމްބަރުން މި ވަގުތު ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެމްބަރުންގެ ގޮތުގައި ތިއްބެވިއިރު، ކޮމިޓީތައް އަލުން އެކުލަވާލެއްވުމުގެ މަސައްކަތް މަޖިލިސް ތަމްސީލު ކުރައްވާ ޕާޓީތަކާ އެކު ރައީސް ނަޝީދު ގެންދަވަނީ މިދިޔަ ހަފްތާއިން ފެށިގެން ކުރައްވަމުންނެވެ.

ޗާގޯސް މައްސަލާގައި ބަންޑާރަ ނައިބާއި، ޚާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، މިހާރު ހުށަހަޅުއްވާފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތް މައްސަލަ ވެސް މަޖިލީހުގައި ކުރިއަށް ނުގެންދެވި އޮތީ ހުއްޓިފައެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއިއާއެކުއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ.