ދުނިޔޭގެ ވިޔަފާރި

އިންޑިގޯއަށް އެއަރބަސްގެ 500 މަތިންދާބޯޓު!


އިންޑިއާގެ އިންޑިގޯ އެއަރލައިނުން ގަންނަން ނިންމާފައިވާ 500 މަތިންދާ ބޯޓުގެ އޯޑަރު ލިބުން އެންމަ ގާތީ އެމެރިކާގެ އެއަރބަސް ކުންފުންޏަށްކަމަށް ހަބަރުތައް ބުނެފިއެވެ.

އޭވިއޭޝަންގެ ދާއިރާ ދިރާސާކުރާ ފަރާތްތަކާއި ހަވާލާދީ ޚަބަރުތައް ބުނާގޮތުން އިންޑިގޯއިން ގަންނަން އުޅެނީ އެއަރބަސްގެ ނެރޯބޮޑީ އޭ ތްރީ ޓުވެންޓީ މަރުކާގެ މަތިންދާބޯޓުތަކެކެވެ.

އެންމެފަހުން އާއްމުކޮށްފައިވާ އަގުތަކަށް ބަލާއިރު މި ޑީލްގެ އަގު 50 ބިލިއަން ޑޮލަރަށް އަރާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ގިނަ އަދަދެއްގެ މަތިންދާބޯޓުު އެއް ފަހަރާ ގަންނަނަމަ މި އަގު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް ހަަބަރުތައް ބުނެއެވެ.

މަތިންދާބޯޓުތައް ގަތުމާއި ގުޅޭގޮތުން ސުވާލުކުރުމުން އިންޑިގޯ ޗީފް އެގްޒެކްޓިވް ވަނީ ކޮމާޝަލް ކަންކަމާއި ގުޅޭގޮތުން މި ވަގުތު ވާހަކަ ދައްކަން ބޭނުންނުވާކަމަށް ބުނެފައެވެ. އެއަރބަސް ކުންފުނިންވެސް މިކަމާއި ގުޅޭގޮތުން ވާހަކައެއް ނުދައްކައެވެ.

އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ 56 އިންސައްތަ މާކެޓް ޝެއަރ ކޮންޓްރޯލްކުރާ އިންޑިގޯއަކީ އެއަރބަސްއިން އެންމެ ގިނައިން މަތިންދާބޯޓު ގަންނަ އެއްް އެއަރލައިނެވެ. އެގޮތުން އެއަރބަސްގެ 830 ،މަތިންދާބޯޓު މިހާތަނަށް އިންޑިގޯއިން ވަނީ ގަނެފައެވެ. ނަމަވެސް އޭގެތެރެއިން 500 އެއްހާ މަތިންދާބޯޓު އަދިވެސް އިންޑިގޯއަށް ފޯރުކޮށްދެވިފައެއް ނުވެއެވެ.

އިންޑިގޯޢިން މަސައްކަތް ކުރަމުންދަނީ 2030 ވަނަ އަހަރާއި ހަމައަށްދާއިރު އެއަރލައިންގެ ކެޕޭސިޓީ ދެ ގުނަ ބޮޑުކޮށް، ބައިނަލްއަޤްވާމީ އުދުހުންތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށެވެ. އިންޑިގޯއިން މިހާރުވެސް 7 އެއަރލައިންނާއެކު ކޯޑް ޝެއަރިންގ ޕާޓްނަރޝިޕްތައް ހަދާފައިވެއެވެ. އަދި އޭގެތެރެއިން ޓަރކިޝް އެއަރލައިނާއެކު ޤާއިމްކޮށްފައިވާ ޕާޓްނަރޝިޕްގެ ސަބަބުން ޔޫރަޕްގެ 33 މަންޒިލަކަށް އެ އެއަރލައިނުން ދަނީ ދަތުރުތައް ބާއްވަމުންނެވެ.