ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް މިދިޔަ ހަތަރު އަހަރު ތެރޭގައި ކުޅިވަރާ ބެހޭ ވުޒާރާއިން 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.
މައުލޫމާތު ލިބިގަތުމުގެ ޤާނޫނުގެ ދަށުން ވީއޭއެމުގެ މައުލޫމާތުތައް ހޯދުމަށް ކުޅިވަރާ ބެހޭ ވުޒާރާ އާއި، ވީއޭއެމް އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ހުށަހެޅީ މަޝްހޫރު ވޮލީ ކޯޗު މުޙައްމަދު ޝަރަފާއި، ވޮލީބޯލް ފެމެލީ އެސޯސިއޭޝަން އަދި ޔޫތު ނިއު ޖެނެރޭޝަނުންނެވެ.
މައުލޫމާތު ހޯދުމަށް ޝަރަފު ހުށަހަޅާފައިވަނީ މައިގަނޑު ގޮތެއްގައި ވީއޭއެމުގެ ޚަރަދުތަކާ ބެހޭ ގޮތުންނާއި، ކުޅިވަރާ ބެހޭ ވުޒާރާއިން ވީއޭއެމަށް ކޮށްފައިވާ ޚަރަދުތަކާ ގުޅޭ ގޮތުންނެވެ. ޝަރަފުގެ ހުށަހެޅުމަށް ޖަވާބުދީ ކުޅިވަރާ ބެހޭ ވުޒާރާއިން ފޮނުވި ސިޓީގައިވާ ގޮތުންނަމަ ވީއޭއެމަށް މިދިޔަ ހަތަރު އަހަރު ތެރޭގައި އެ ވުޒާރާއިން ވަނީ 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.
އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ބީޗް ވޮލީބޯލް ޕްރޯ މުބާރާތަށެވެ. އެގޮތުން އެ މުބާރާތަށް ވަނީ 5.5 މިލިޔަން ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އަދި ރާއްޖޭގެ ލީގު ވަރުގަދަ ކުރުމަށް އިންޑިއާ ކުޅުންތެރިން ގެނަސް ބޭއްވި ލީގަށް ވަނީ އެއް މިލިޔަން ފަސްލައްކަ ރުފިޔާ ޚަރަދުކޮށްފައެވެ. މީގެ އިތުރުން މި އަހަރު ރާއްޖޭގައި ބޭއްވި ފޯ ނޭޝަންސް ކަޕަށް ވަނީ ދެ މިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްފައެވެ. އެހެންކަމުން އެ ތިން މުބާރާތަށް ވަނީ ނުވަ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ.
ވީއޭއެމުގެ ރައީސްކަމާ 2021 ވަނަ އަހަރު މުޙައްމަދު ރަނޭޝް (ރަނޭ) ހަވާލުވިފަހުން މިހާ ބޮޑު ޚަރަދެއް ކޮށްފައިވާއިރު، ވޮލީގެ ގިނަ މުބާރާތްތަކެއް މިދިޔަ ހަތަރު އަހަރު ބޭއްވިފައެއް ނުވެއެވެ. ޚާއްސަކޮށް އަންހެން ކުޅުންތެރިންގެ ކުރިއެރުމަށް މުބާރާތްތައް ނުބާއްވާ ވާހަކަވަނީ ގަދަވެފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި ކާވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތްވެސް ފަހު ވަގުތު ވަނީ ކެންސަލްކޮށްފައެވެ.
ވޮލީގެ ޚަރަދުގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، ވީއޭއެމުން މިދިޔަ ދެ އަހަރު އެ އެސޯސިއޭޝަންގެ އަހަރީ ރިޕޯޓް ހުށަހަޅާފައިނުވާ ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި 2021، 2022 އަދި 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހާއި ތަން ހިއްސާކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް އަންގާފައިވާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ކުޅިވަރު ކަމަށްވާ ވޮލީގެ ބެލެނިވެރި އެސޯސިއޭޝަން ގަވާއިދާ ޚިލާފަށް ހިންގަމުން އަންނައިރު، މި ކަމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ވީއޭއެމުގެ ހިންގުން ދޯދިޔާވެ ވޮލީގެ ގިނަ ބަޔެއްގެ ފާޑުކިޔުން ވީއޭއެމަށް ވަނީ އަމާޒުވެފައެވެ.