ޚަބަރު

އައްޑޫ މީދޫ ޕީޕީއެމްގެ އިސްބޭފުޅަކު އެމްޑީޕީއާއި ގުޅިއްޖެ


އައްޑޫ މީދޫ ދާއިރާގެ އިދިކޮޅު ޕީޕީއެމްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އިބްރާހީމް ދީދީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ މީދޫއަށް ވަޑައިގެން ރައްޔިތުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި މީދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުމާއި، އެދޭކަންކަން ރައީސާއި ވަނީ ހިއްސާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި އައްޑޫ މީދޫގައި އިދިކޮޅު ޕީޕީއެމްގެ އިސް ހިންގުންތެރިޔާ މުހައްމަދު އިބްރާހީމް ދީދީ ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ. އޭނާ ސޮއި ކުރެއްވުމަށްފަހު ފޯމު ހަވާލު ކުރެއްވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެވެ. މިރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސްގެ މިދަތުރުފުޅުގައި އައްޑޫސިޓީ މަރަދޫ ދާއިރާގައި މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި ކައުންސިލަރ އަޙްމަދު ނާދިރު ވެސް ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

މަރަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ އެކި ދާއިރާތަކުން އެމްޑީޕީއާއި ގުޅުނު ގިނަ އަދަދެއްގެ މެމްބަރުންގެ ފޯމްތައް ވަނީ އެމްޑީޕީގެ ލީޑަރޝިޕާއި ހަވާލުކޮށްފައެވެ. މި ފޯމްތަކާއި ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެމްޑީޕީގެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހާއި ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާޢީލްއެވެ.