ކުޅިވަރު

ވޭވަށު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރަނީ


ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން މ. ވޭވަށު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ވޭވަށު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ޙަވާލުކުރައްވާފައިވަނީ އޯޓެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ފުވާދެވެ. އަދި އޯޓެކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު ޔާފިއު ހަސަން ހަބީބެވެ.

މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރެއްވީ މަސައްކަތް ފަށާތާ، 40 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ މިލިޔަން ނުވަލައްކަ އަށްހާސް އަށްސަތޭކަ ނުވަދިހަ އެއް ރުފިޔާ ސައުވީސް ލާރި ޚަރަދުކޮށްގެން ކުރިިޔަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.