ކުޅިވަރު

އޭޝިއާ ކަޕްގެ ޗެމްޕިއަންކަން އިންޑިއާ ހޯދައިފި


ބަންގްލަދޭޝް ބަލިކޮށް އޭޝިއާ ކަޕްގެ ޗެމްޕިއަންކަން އިންޑިއާ ހޯދައިފިއެވެ. އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ފައިނަލްގައި ބަންގްލަދޭޝްގެ މައްޗަށް އިންޑިއާ ކުރި ހޯދީ އަށް ވިކެޓުންނެވެ. 

ވިއްސާރައިގެ ސަބަބުން 15 އޯވަރަށް ކުޅުނު ފައިނަލްގައި ފުރަތަމަ ބެޓް ކުރީ ބަންގްލަދޭޝްއިންނެވެ. 15 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވިއިރު ބަންގްލަދޭޝްއަށް ހެދުނީ 120 ލަނޑެވެ. ބަންގްލަދޭޝްއިން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 33 ލަނޑު ހެދި މަހުމޫދުﷲއެވެ. ޖަވާބުގައި އިންޑިއާ ކުޅެންއަރާ 13.3 އޯވަރުގެ ތެރޭގައި 122 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. އިންޑިއާއިން އެންމެ ރަނގަޅަށް ކުޅުނީ 60 ލަނޑު ހެދި ދާވަންއެވެ. މެޗްގެ ފަހު ވަގުތު ކެޕްޓަން ދޯނީ ވަނީ ކުޅެން ނިކުމެ ހަ ބޯޅައިން ވިހި ލަނޑު ހަދާ އިންޑިއާއަށް މެޗް ކާމިޔާބުކޮށްދީފައެވެ. 

މިފަހަރުގެ މުބާރާތް ބާއްވާފައިވަނީ ބަންގްލަދޭޝްގައެވެ. މެޗަށްފަހު ކެޕްޓަން ދޯނީ ބުނީ އޭޝިއާ ކަޕަކީ އަބަދުވެސް ހާއްސަ މުބާރާތެއް ކަމަށާއި، މިއީ މުޅި ޓީމްގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

" އޭޝިއާ ކަޕް މިއޮންނަނީ ވަރަށް މަދުން. އެހެން ވީމަ އަބަދުވެސް މިބަލަނީ ފައިނަލްގައި ކުޅެވޭތޯ. ފައިނަލަށް ދެވިއްޖެ ނަަމަ ތަށިނެގުން. އިންޑިއާއަށް މިމުބާރާތް މިވަނީ ވަރަށް ހާއްސަ ވެފަ." ދޯނީ ބުންޏެވެ.

މިއީ އޭޝިއާ ކަޕް ޓްރޮފީ 20 އޯވަރަށް ބަދަލުކޮށްގެން ކުޅުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިމުބާރް ކުރިއަށް ގެންގޮސްފައިވަނީ 50 އޯވަރަށެވެ.