ޚަބަރު

އިންޑިއާގައި ހިނގި ރޭލު އެކްސިޑެންޓުގައި ގިނަބަޔަކު މަރުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ


އިންޑިއާގެ އިރުމަތީގައި އޮންނަ އޮޑިޝާ ސްޓޭޓްގައި ދެ ރޭލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވުމާގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މި ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާގެ އޮޑިޝާ ސްޓޭޓުގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެތައް ބައެއްގެ ފުރާނަ ގެއްލުނު ޚަބަރު ލިބުމުން ހިތާމަކުރައްވާކަމަށެވެ. އަދި މި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ހަމްދަރުދީއާއި ތަޢުޒިޔާ ދަންނަވާފައިވެއެވެ.

ރައީސްގެ ޓުވީޓުގައި މި ހިތާމެވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންނާއި އެކުގައިކަން ފާހަގަކުރެއްވިއެވެ.


އިންޑިއާގެ އިރުމަތީގައި އޮންނަ އޮޑިޝާ ސްޓޭޓްގައި ދެ ރޭލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވި މީހުންގެ ޢަދަދު 288 އަށް އަރައިފިއެވެ. މި ހާދިސާގައި 850 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. ޖެހިފައިވާ ދެ ރޭލުގެ ކާރުތަކުގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއީ، ފާއިތުވި 20 އަހަރުގެ ތެރޭގައި އިންޑިޔާގައި ހިނގާފައިވާ އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެވެ. މި ހާދިސާގައި ޒަޚަމުވި ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ދެ ރޭލު ޖެހިފައި ވަނީ އޮޑިޝާ ސްޓޭޓްގެ ބަލަސޯރު ޑިސްޓްރިކްޓުގައެވެ.