ދުނިޔޭގެ ވިޔަފާރި

ޑޮލަރުގެ ބަދަލުގައި ބޭނުންކުރާ ފައިސާއަކަށް ޔުއާން ހަދަން ޗައިނާއިން ބޭނުމެއް ނުވޭ


ބައިނަލްއަގުވާމީ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި ޗައިނާގެ ޔޫއާން ބޭންކުރަން ޗައިނާއިން ބޭނުންނުވާކަމަށް ހަބަރުތައް ބުނެފިއެވެ.

ޗައިނާއިން މިހެން ބުނެފައި ވަނީ އެކި ދާއިރާތަކުން ޤައުމުތަކުގެ ތަރައްގީއާ ކުރިއެރުމަށް އުފައްދާފައިވާ "ބްރިކްސް"އިން އެކި މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ނޫން ފައިސާއެއް ބޭނުންކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އަންނަ އޮގަސްޓުމަހު ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ބާއްވާ ބައްދަލުވުމުގައި ބްރިކްސްގެ ގައުމުތަކުން އެންމެ ބޮޑަށް މަޝްވަރާ ކުރާނީ މިކަމާއި ގުޅޭގޮތުންނެވެ.

ޗައިނާގެ ޔުއާން އަކީ މިހާރު ދުނިޔޭގައި އެންމެ މަގުބޫލު އެއް ފައިސާއެވެ. ޗައިނާއިން އަންނަނީ އެކި ގައުމުތަކާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ޔުއާން ބޭނުންކުރުމަށް ބާރުއަޅަމުންނެވެ. އެގޮތުން ފަރަންސޭސިވިލާތުން ދާދިފަހުން ވަނީ ޗައިނާއާއެކު ޔުއާން ބޭނުންކޮށްގެން ގޭހުގެ ވިޔަފާރިކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެމެރިކާ ޑޮލަރުގެ ބަދަލުގައި ރަޝިއާގައިވެސް އެންމެ ގިނައިން ބޭނުންކުރާ ފައިސާ އަކީ ޔުއާންއެވެ.

ބައިނަލްއަގުވާމީ ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ ފައިސާގެ ގޮތުގައި ޔުއާން ބާއްވަން ބޭނުންނަމަ، ޗައިނާގެ އިގްތިސާދު މިހާރު އޮތް މިންވަރަށްވުރެ ބޮޑަށް ދުނިޔެއަށް ހުޅުވާލަންޖެހޭނެ ކަމަށް ހަބަރުތައް ބުނެއެވެ. ކޮމިޔުނިސްޓު ވެރިކަމެއްކުރާ ޗައިނާ އަކީ އެ ގައުމަށް އެތެރެވާ އަދި ބޭރުވާ ފައިސާ ދައުކުރުކުރުން ވަރަށް ބޮޑަށް ހަނިކޮށްފައި އޮންނަ ގައުމެކެވެ.

އަނެއްކޮޅުން ޗައިނާ އަކީ އެމެރިކާ ފަދައިން ރިޒާރވް ފައިސާ އަށް އަންނަ ޕްރެޝަރުތައް ހައްލުކޮށް އެކަން ކަމާއި ކުރިމަތިލެވޭނެ ގައުމެއް ނޫން ކަމަށްވެސް ޗައިނާގެ އިގްތިސާދީ މާހިރު ރޮރީ ގްރީން އާ ހަވާލާދީ ހަބަރުތައް ބުނެއެވެ. މިއާއިއެކު ކުރިއަށް އޮތް ބްރިކްސްގެ ބައްދަލުވުމުގައި ރިޒާރވް ފައިސާގެ ގޮތުފައި ޔުއާން ބޭނުންކުރަން ޗައިނާއިން ބާރު އަޅާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބްރިކްސް މިނަމަކީ އެ ޖަމާއަތުގައި ބައިވެރިވި ފުރަތަމަ ފަސް ގައުމުގެ އިނގިރޭސި ނަމުގެ ފެށޭ ފުރަތަމަ އަކުރު ހިމަނައިގެން އުފައްދާފައިވާ ނަމެކެވެ. ބްރެޒިލް، ރަޝިޔާ، ޗައިނާ އަދި ދެކުނު އެފްރިކާ އާއި އިންޑިއާއެވެ. މި ޖަމާއަތް ފަށާފައި ވަނީ 2009 ވަނަ އަހަރުއެވެ.

ބްރިކްސްގައި ހިމެނޭ 5 ޤައުމަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުގެ ތެރޭގައި ހިމެނޭ 5 އިޤްތިޞާދެވެ. ހަބަރުތައް ބުނާގޮތުން އިތުރު ޤައުމުތަކުން ދަނީ ބްރިކްސްއާ ގުޅުމަށް ޝަޢުޤުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން މިހާތަނަށް ބްރިކްސްގެ މެމްބަރު ގައުމަކަށްވާން ރަސްމީކޮށް 13 ގައުމަކުން ހުށަހަޅާފައިވާއިރު، އިތުރު 25 ގައުމަކުން އަންނަނީ މިކަމަށް އެދި ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.