ކުޅިވަރު

ފްރެންޗް އޯޕަން: ހަތަރުވަނަ ބުރުން ޝްވާންޓެކް ޖާގަ ހޯދައިފި


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ހަތަރުވަނަ ބުރުން މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ޕޯލަންޑުގެ އީގާ ޝްވާންޓެކް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ހަތަރު ވަނަބުރުން ޝްވާންޓޭކް ޖާގަހޯދީ ތިންވަނަ ބުރުގައި ޗައިނާގެ ވާން ޒިންޔޫއާ ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ ސެޓްތަށް ޝްވާންޓެކް ހައެއް ސުމެއް އަދި ހައެއް ސުމަކުން ކާމިޔާބުކޮށްވަނީ ޑަބަލް ބޭގެލް އެއް ހަދާފައެވެ. ޝްވާންޓެކްގެ ކެރިއަރގެ ފުރަތަމަ ޑަބަލް ބޭގެލް ހެދުމަށް 51 މިނެޓް ނެގިއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޝްވާންޓެކް ހާމަކުރިގޮތުގައި އޭނާ ހުރިހާ މެޗަކަށްވެސް ނިކުންނަނީ ވަރަށް ފަރުވާތެރިކަމާއެކު ކަމަށާއި އެއްވެސް ވަރަކަށް ފަރުވާ ކުޑަކޮށްލަން ބޭނުން ނުވާކަމަށެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުގައި ޝްވާންޓެކް ބައްދަލުކުރާނީ ޔޫކްރެއިންގެ ލެސިއާ ސުރެންކޯ އާއެވެ. ސުރެންކޯ ހަތަރު ވަނަ ބުރުން ޖާގަހޯދީ ބިއާންކާ އަންޑްރެސްކޫ އާއި ބައްދަލުކުރިމެޗް ހައެއް އެކެއް އަދި ހައެއް އެކަކުން ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ހަތަރުވަނަ ބުރުން ވަނީ ހަވަނައަށް ސީޑް ކުރެވިފައިވާ ކޯކޯ ގައުފްވެސް ޖާގަހޯދާފައެވެ. އޭނާ މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި ރަޝިއާގެ އުމުރުން 16 އަހަރުގެ މީރާ އަންދްރީވާ އާއި ބައްދަލުކުރިމެޗް ފަހަތުން އަރާ ދެސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ފުރަތަމަ ސެޓް އަންދްރީވާ ކާމިޔާބުކޮށްފައިވަނީ ޓައި ބްރޭކަކަށް ގޮސް ފަހެއް ހަތަކުންނެވެ. ނަމަވެސް ޖެހިގެން އައި ދެސެތްގައި އަންދްރީވާއަށް އޭނާގެ މޮޅު ކުޅުން އެއްވެސް ވަރަކަށް ދެއްކޭ ގޮތެއްނުވިއެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ގައުފްގެ މޮޅު ކުޅުމެވެ. މިގޮތުން ފަހު ދެސެޓް އޭނާ ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ހައެއް އެކެއްއަދި ހައެއް އެކަކުންނެވެ.

މިމުބާރާތުގައި ހަތްވަނައަށް ސީޑް ކުރެވިފައިވާ ޓިއުނީޝިއާގެ އޯންސް ޖެބުއަރ އާއި ސަރބިއާގެ އޮލްގާ ޑެނިލޮވިޗް ބައްދަލުކުރިމެޗް ދެސެޓް އެއްސެޓުން ކާމިޔާބުކުރީ ޖެބުއަރއެވެ. މިމެޗްގެ ފުރަތަމަ ސެޓް ހަތަރެއް ހަޔަކުން ކާމިޔާބުކުރީ ޑެނިލޮވިޗްއެވެ. ނަމަވެސް ޖެބުއަރވަނީ ޖެހިގެން އައި ދެސެޓް ހައެއް ހަތަރެއް އަދި ހައެއް ދެއަކުން ކާމިޔާބުކޮށްފައެވެ. ޖެބުއަރ މިމުބާރާތުގެ ހަތަރުވަނަ ބުރުގައި ޖެބުއަރ ވާދަކުރާނީ އެމެރިކާގެ ބަރނާޑާ ޕޭރާ އާއެވެ. ޕޭރާ ހަތަރުވަނަ ބުރުން ޖާގަހޯދީ އިޓަލީވިލާތުގެ އެލިސަބެއްޓާ ކޮކިއެރޭޓޯ އާއި ބައްދަލުކުރިމެޗް ހައެއް ހަތަރެއްއަދި ހަތެއް ހަޔަކުން ކާމިޔާބުކޮށްގެންނެވެ.