ކުޅިވަރު

މާލޭގެ ހޭންޑްބޯޅަ ކޯޓު، އިންޑޯ ކޯޓަކަށް ބަދަލުކުރަނީ


ރާއްޖޭގައި ކުރިއަރަމުން އަންނަ ހޭންޑްބޯޅައަށް ޚާއްސަކޮށް މާލޭގައި ޤާއިމުކޮށްފައިވާ އައުޓްޑޯ ހޭންޑްބޯޅަ ކޯޓު، ބައިނަލްއަޤުވާމީ ފެންވަރުގެ އިންޑޯ ކޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުރި ހަމައެކަނި ހޭންޑްބޯޅަ ކޯޓު މިހާރު ބޭނުންކުރަމުން އަންނަނީ ދަތި އުނދަގޫތަކާއެކުއެވެ. އެގޮތުން ވާރޭ ވެހިއްޖެ ނަމަ އެވަގުތު ކުޅޭ މެޗެއް ފަސްކުރަން ޖެހެއެވެ. އަދި އެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތަކުގެ ތާރީޚަށް ބަދަލު ގެންނަން މަޖުބޫރުވެއެވެ.

މިހާރު ބޭނުންކުރާ ކޯޓުގައި އިދާރީ ކުޑަ އޮފީހަކާއި ރޮސްޓްރަމެއްގެ އިތުރުން ކުޅިބެލުންތެރިންނަށް ޚާއްސަ ސްޓޭންޑެއް ވަނީ ބެހެއްޓިފައެވެ. އަދި ދުނިޔޭގެ ފެންވަރުގެ ޕިޗެއް ޤާއިމުކޮށް އެ ކޯޓުގައި ކުޅެން ފަށާފައިވަނީ ޑިސެމްބަރު 2021 ގައެވެ.

ޓީވީއެމްގެ ސާބަސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުޖުތަބާ ވިދާޅުވީ ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތަކާއެކު މިހާރު މަސައްކަތްކުރަނީ ހޭންޑްބޯޅަ ކޯޓު އިންޑޯ ކޯޓަކަށް ބަދަލުކުރުގެ މަސައްކަތް ކަމަށާއި، އިންޑޯ ކޯޓަކަށް ބަދަލުކުރެވުމުން ކުޅުންތެރިންގެ ފަރާތުން ތަފާތު ފެނިގެންދާނެ ކަމަށެވެ. އެގޮތުން ކުޅުންތެރިންގެ ސްޕީޑާއި ކުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޤަބޫލުކުރާ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.

މީގެއިތުރުން އެސޯސިއޭޝަނުން މަސައްކަތްކުރާނީ ކުޑަ ޗޭންޖިން ރޫމަކާއި މީޓިން ރޫމަކާއެކު ބައިނަލްއަޤްވާމީ ފެންވަރަށް ފެތޭ އިންޑޯ ކޯޓެއް އެޅުމަށް ކަމަށާއި މިއަހަރު މަސައްކަތް ފެށޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

ހޭންޑްބޯޅަ އަކީ ރާއްޖޭގައި މިހާރު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް ކުޅިވަރެވެ. މި ކުޅިވަރު މުޅި ރާއްޖެއަށް ފުޅާވެފައިވާއިރު ގިނަ އަދަދެއްގެ ރެފްރީންނާއި ކޯޗުން މިހާރުވެސް ދަނީ ތަމްރީނުކުރަމުންނެވެ. ދާދިފަހުން ރާއްޖޭގެ 17 އަހަރުންދަށާއި 19 އަހަރުންދަށުގެ ހޭންޑްބޯޅަ ޓީމު ވަނީ މި ސަރަހައްދުގެ އައިއެޗްއެފް ޓްރޮފީގައި ވާދަކޮށް ރާއްޖޭގެ ފުރަތަމަ ހޭންޑްބޯލް މެޑަލް ހޯދައިދީފައެވެ.