ކުޅިވަރު

ވުލްފްސްބާގް ބަލިކޮށް ޗެމްޕިއަންކަން ބާސެލޯނާއަށް


ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ވުލްފްސްބާގް ބަލިކޮށް ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ބާސާ ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ވުލްފްސްބާގާ ބައްދަލުކޮށް 3-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ބާރސާއިން ކާމިޔާބުކޮށްފައިވަނީ ވުލްފްސްބަރގްއިން ފުރަތަމަ ހާފްގައި ރަނގަޅު ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ތިންވަނަ މިނެޓްގައި ޖަހާ ވުލްފްސްބަރގްއިން ވަނީ މެޗްގެ ކުރިކޮޅު ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އީވާ ޕަޔޯއެވެ. އަދި މެޗްގެ 37 ވަނަ މިނެޓްގައި ވުލްފްސްބަރގްގެ ކެޕްޓަން އެލެގްޒެންޑަރ ޕޮޕް ޖަހާދިން ލަނޑާއެކު އެޓީމުން މިމެޗްގައި ދެލަނޑުގެ ލީޑެއް ނަގާ ހަމަޖެހިލިއެވެ.

ނަމަވެސް މިމެޗްގެ ދެވަނަ ހާފްގައި ފެނިގެންދިޔައީ ބާރސާއިން އެޓީމްގެ ކުޅުން ރަނގަޅުކުރި ނަތެނެވެ. މިގޮތުން ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި ޕެޓްރީ ގުއިހާރޯ ލަނޑެއް ޖަހާ ދެޓީމްގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކުރިއެވެ. އަދި އޭގެ ދެމިނެޓްފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗްގެ ނަތީޖާ ހަމަހަމަވެސް ކޮށްފައެވެ. މިމެޗުން ބާރސާ މޮޅުވި ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީ ފްރިޑޮލީނާ ރޮލްފޯއެވެ. މިމެޗްގެ ފަހު 20 މިނެޓްގައި ވުލްފްސްބަރގުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއްނުވިއެވެ.

މިކާމިޔާބީއާއެކު ބާސެލޯނާއިން މިވަނީ މިދިޔަ ފަހަރުގެ ފައިނަލްގައި ލިއޯން އަތުން ބަލިވި ބަލިވުން ހިތުން ފޮހެލާ މިމުބާރާތުގެ ތަށި ދެވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ.