ކުޅިވަރު

މި ސީޒަން ނިމުމުން އިބްރަހިމޮވިޗް މިލާން ދޫކޮށްލަނީ


އިޓާލިއަން ލީގުގެ އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޒްލަޓާން އިބްރަހިމޮވިޗް، މި ސީޒަން ނިމުމާއެކު އެ ޓީމު ދޫކޮށްލާނެކަން ހާމަކޮށްފިއެވެ.

މިގޮތުން މިލާނަށް އިބްރަހިމޮވިޗް ކުޅޭ ފަހު މެޗަކަށް ވެގެންދާނީ މިރޭ ލީގުގައި ހެލަސް ވެރޯނާ އާއި ބައްދަލުކުރާ މެޗް ކަމަށް މިލާނުންވަނީ ހާމަކޮށްފައެވެ.

މިލާނުން ހާމަކުރިގޮތުގައި މިރޭ މެޗަށް ފަހު އިބްރަހިމޮވިޗްއަށް އަލްވަދާއު ކިޔުމަށް ކުޑަ ރަސްމިއްޔާތެއް ދަނޑުގައި ބާއްވާނެކަމަށެވެ. އަދި ކްލަބުންވަނީ އިބްރަހިމޮވިޗް މިލާން އަށް ކޮށްދީފައިވާ އަގުހުރި ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފައެވެ. އިބްރަހިމޮވިޗް މިލާނާއި އަލުން ގުޅިފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި މިދިޔަ ސީޒަންގައި މިލާނުން ސެރީއާގެ ތަށި އުފުލާލުމުގައި އިބްރަހިމޮވިޗް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ނަމަވެސް މިސީޒަންގައި އޭނާއަށް ކުރިމަތިވެފައިވާ އަނިޔާގެ ގިނަ މައްސަލަތަކާ ހުރެ މިހާތަނަށް ކުލެފައިވަނީ ހަތަރު މެޗްގައެވެ. އޭގެ ތެރެއިން ފުރަތަމަ އެގާރައިގާ ހިމެނިފައިވަނީ އެންމެ ފަހަރަކުއެވެ. އަދި ކާމިޔާބުކޮށްދެވިފައިވަނީ އެންމެ ލަނޑެކެވެ. އުމުރުން 41 އަހަރުގެ އިބްރަހިމޮވިޗް ވެފައިވަނީ ސެރީއާގައި ލަނޑު ޖަހާފައިވާ އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.