ޚަބަރު

މިޞްރާއި އިސްރާޢީލް ގުޅޭ ސަރަޙައްދީ ރޮނގުގައި ކުރިމަތިލުންތަކެއް


މިޞްރާއި ޔަހޫދީ އިސްރާޢީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ހިނގި ކުރިމަތިލުންތަކެއްގައި ޔަހޫދީ ސިފައިންގެ ތިން މީހުން މަރުވެއްޖެއެވެ. ޔަހޫދީ އިސްރާޢީލުގެ ސިފައިންގެ ތިން މީހުން މަރައިލާފައި ވަނީ މިޞްރުގެ ފުލުހަކު ދިން ބަޑީގެ ޙަމަލާތަކެއްގައެވެ. ދެ ޤައުމުގެ ސަލާމާތި ބާރުތަކުން މިހާރު ދަނީ މި ހާދިސާ ތަހުޤީޤު ކުރަމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ މެޑިޓެރޭނިޔަން ކަނޑާއި މިޞްރުގެ ރިސޯޓު ރަށެއް ކަމުގައިވާ އީލާތާ ދެމެދުގައި އޮންނަ ހަރީފް ފަރުބަދައާއި ސާޣީ ފަރުބަދަ ކައިރީގައި އޮންނަ ހިސާބެއްގައެވެ. އެއީ ނަޤިބީ ސަހަރާ ހިމެނޭ ސަރަޙައްދެވެ. މިއީ، މިޞްރާއި ޔަހޫދީ އިސްރާޢީލާ ދެމެދު 1979 ވަނަ އަހަރު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލި ފަހުން ދެ ޤައުމުގެ ދެމެދުގައި މި ފަދަ ގޮތަކަށް ޙަމަލާތަކެއް ބަދަލުކޮށްފައިވާ ފުރަތަމަ ފަހަރެވެ.

މިޞްރުން ބުނީ އެ ޤައުމުގެ ފުލުހުންގެ މީހަކު ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔަހޫދީންގެ ބިމަށް އަރާފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގުރޫޕެއް ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމުގައެވެ. ޔަހޫދީ ބިމަށް އެރުމަށް ފަހު މިޞްރު ފުލުސް މީހާ ވަނީ ސަރަޙައްދީ ރޮނގު ބަލަހައްޓާ ޔަހޫދީ ސިފައިންގެ ދެ މީހަކަށް ޙަމަލާދީ އެ ދެ މީހުން މަރައިލާފައެވެ. އެއީ، އަންހެނަކާއި ފިރިހެނެކެވެ. އޭނާ އިސްރާޢީލަށް އެތެރެވީ ކިހިނެއް ކަން ކަށަވަރެއް ނޫނެވެ.

ޔަހޫދީ ސިފައިންގެ އިތުރު މީހަކު މަރައިލާފައި ވަނީ އޭގެ ގަޑިއިރުތަކެއް ފަހުން، މިޞްރު ފުލުހުންގެ މީހާއަށް ޔަހޫދީ ޖައްބާރު ސިފައިން ޙަމަލާ ދިނުމުންނެވެ. މި ކުރިމަތިލުންތަކުގައި މިޞްރު ފުލުސް މީހާ ވެސް ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން މިޞްރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މަރުވި ޔަހޫދީ ސިފައިންގެ ޢާއިލާތަކަށް ތަޢުޒިޔާ ކިޔާފައެވެ.

މި ހާދިސާ ހިނގުމުގެ ވަގުތުކޮޅެއް ކުރިން ޔަހޫދީ އިސްރާޢީލުގެ ސިފައިން ވެސް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކު ހައްޔަރުކޮށް، 400,000 އެއްހާ އެމެރިކާ ޑޮލަރުގެ އަގުހުރި ސާމާނު އަތުލައިގަނެފައެވެ. އެއީ، ވަގަށް އެ ޤައުމަށް އެތެރެކުރަން މަސައްކަތްކޮށްފައިވާ ސާމާނުތަކެއް ކަމުގައި ޔަހޫދީ އިސްރާޢީލުން ބުނެއެވެ.

މި ހާދިސާ ހިނގާފައި މި ވަނީ، މިޞްރާއި ޔަހޫދީ އިސްރާޢީލާ ދެމެދު އަސްކަރީ އަދި ޖާސޫސީ ދާއިރާއިން ގުޅުން ބަދަހިކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި، ޚާއްޞަކޮށް ޓެރެރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިޞްރުގެ ސައިނާ ސަރަޙައްދުގައި ހަރަކާތްތެރިވާ އައި.އެސް ޖަމާޢަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ޔަހޫދީ އިސްރާޢީލުން ދަނީ އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިޞްރުން އިސްރާޢީލަށް ވަގަށް އެތެރެވާ މީހުންނާއި، ސަރަޙައްދީ ރޮނގު ހުރަސްކޮށް ކުރާ ވަގު ވިޔަފާރި ހުއްޓުވަން ޔަހޫދީ އިސްރާޢީލުން ވަނީ ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގުގައި ބޮޑު ފެންސެއް ނުވަތަ ފާރެއް ބިނާކޮށްފައެވެ. ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގަކީ 255 ކިލޯމީޓަރު ދިގު ސަރަޙައްދެކެވެ. ހުސްވި 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔަހޫދީ އިސްރާޢީލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ޔަހޫދީ ސިފައިން މަރައިލާފައިވެއެވެ.