ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2023 ގެ ނޯތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީ ރީތި ރަށުން ހޯދައިފިއެވެ.
ޖުމްލަ 17 ޓީމާއެކު ކުރިއަށްދިޔަ ނޯތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ރީތި ރަށުން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ބަނޑޮސް މޯލްޑިވްސްއާ ވާދަކޮށް 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ރީތިރަށުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ.
ރީތި ރަށުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެކަމަކު ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ރީތި ރަށުން ވަނީ ލިބުނު ކޯނަރަކުން ލީޑު ނަގާފައެވެ. މިއީ ބަނޑޮހުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ރީތި ރަށުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 25 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން މި ލަނޑު ރީތި ރަށަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަޙްމަދު ނަބީލެވެ. އެކަމަކު ދެ ލަނޑުގެ ލީޑެއްގައި ކުރީގައި ރީތި ރަށް އޮށްވައި ބަނޑޮހުގެ އަޙްމަދު ޝަމީމް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.
އޭގެ ފަހުން ބަނޑޮހުން ރަނގަޅަށް ގޭމުގެ ތެރެއަށް ނުވަދެވެނީސް މެޗުގެ އިތުރު ވަގުތުގައި ރީތި ރަށުގެ ގައިދު ގާސިމް ވަނީ އެ ޓީމަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބަނޑޮހުން ވަނީ ދެވަނަ ލަނޑެއް ޖަހާފައެވެ. އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ މުޙައްމަދު އިކްރާމެވެ.
މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރީތި ރަށުގެ ކެޕްޓަން މުޙައްމަދު ނާފިއުއެވެ. އަދި ޖުމްލަ ނުވަ ލަނޑާއެކު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ކޮއްދިއްޕަރުގެ އަޙްމަދު ނައުޝާދެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ރީތި ރަށުގެ މުޙައްމަދު ނާފިއު އާއި، އަޙްމަދު ނަބީލާއި، އަޙްމަދު ނާޖިހު އަދި ބަނޑޮހުގެ އަޙްމަދު ފިރާޝް އާއި އަޙްމަދު ޝަމީމެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރީތި ރަށުގެ ކޯޗު އަޙްމަދު އަހުސަނެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރީތި ރަށުގެ ސަމްހާން އަބްދުއް ރަހުމާނެވެ.
މި ފަހަރުގެ ޗެމްޕިއަންކަން ރީތި ރަށުން ހޯދުމާއެކު ނޯތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ދެ ޓީމަކުން މިހާތަނަށް ވަނީ ހަތަރު ފަހަރު ހޯދާފައެވެ. އެއީ މި އަހަރުގެ ފައިނަލުގައި ކުޅުނު ދެ ޓީމު ކަމަށްވާ ރީތި ރަށާއި ބަނޑޮހެވެ.