ޚަބަރު

ރައީސްގެ ތަޞައްވުރު: ދުނިޔެއަށް ހުޅުވައިލެވިފައިވާ ވަރުގަދަ ސިޓީއަކަށް އައްޑޫ ހެއްދެވުން


އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫއާއެކު އެ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުނީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހަވީރު އައްޑޫސިޓީގެ މަރަދޫއާ ހަންކެޑަ ގުޅޭ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫސިޓީ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު ރަސްމީގޮތުން ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަކީ މީގެ ކުރިން ހަމައެކަނި ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި އޮތް ކަމެއްނަމަވެސް މިހާރު ބިން އިތުރުކުރުމުގެ މި ބިޔަ މަޝްރޫޢާއެކު ތަރަޢްޤީގެ ހެޔޮބަދަލު އައްޑޫ ސިޓީގައި އަމަލީގޮތުން ފެށުނީ ކަމަށެވެ.

"ދުނިޔެއަށް ހުޅުވައިލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫސިޓީ ބަދަލުކުރުމަކީ، މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް. އަޑު މަޑުކުރުމަށްފަހު، މިއަދު ސަރުކާރުން މި ކުރަނީ އެކަމަށް ބޭނުންވާ ކަންކަން. އައްޑޫ ސިޓީއަށް ބަދަލު އަންނާނީ، އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ. މިއަދު ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ ޢަމަލީ މަންޒަރު. އައްޑޫގެ ތާރީޚުގައި ހިންގޭ ބިމާގުޅޭ އެންމެބޮޑު މަޝްރޫޢު މިހާރު އެވަނީ މެކުހަށް ޖަހާފައި" ރައީސް ސާލިހު ވިދާޅުވިއެވެ.

ޖުމްލަ 1.5 ބިލިއަން ރުފިޔާ ޚަރަދުކުރާ އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. ހަމައެއާއެކު އިތުރު މަޝްރޫޢެއްގެ ދަށުން 42 ހެކްޓަރ ބިން ހުޅުމީދޫއަށް އިތުރުކުރުމަށް 179 މިލިއަން ރުފިޔާގެ މަޝްރޫޢެއް ހިންގޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫޢާ މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ދަނީ ހަންކެޑެ ތަރައްޤީކޮށް ނިމޭއިރު އެތަނާގުޅޭ ޕްލޭނާވެސް އެއްގޮތަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެކި ފަންތީގެ ފަތުރުވެރިކަމާ ގުޅޭ ވަޞީލަތްތަކަށް ފަހިވާގޮތަށް ހަންކެޑަ ފަރުމާކޮށް ތަރައްޤީކުރާނީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޓުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއަކީ އިންޓަރގްރޭޓެޑް ރިޒޯޓް، ހޮޓާ، ގެސްޓް ހައުސް ހިމެނޭ ވަށާޖެހޭ މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު މި މަޝްރޫޢު ފެށުމުގެ. މަރުޙަލާގައި ވާކަމަށާއި ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގައި. މަޝްރޫޢުގެ މަސައްކަތް ނިންމާލެވޭނެ ކަމުގައެވެ. ހަންކެޑެ މަޝްރޫއާ އަދި މިހާރު ރޭވިފައިވާ ހުރިހާ މަޝްރޫޢުތަކެއް ނިމޭއިރު އައްޑޫ ސިޓީގައި 7000 ޓުއަރިސްޓް އެނދު އޮޕަރޭޓްކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"
އައްޑޫގެ ގޯތިތައް ފަޅުވެ، ގެތައް ވީރާނާވެ، ގަސްބޯވެ، ވާވަނުމަކީ އައްޑޫ ރައްޔިތުން ހެޔޮ ބަދަލަށްޓަކައި ވީ ޤުރްބާނީއާއި، ކުރި އުންމީދުގައި އޮތް ކަމެއް ނޫން. އައްޑޫ ރައްޔިތުން ބޭނުންވީ، އައްޑޫ އާބާދުވެ، އާރާސްތުވެ ކުރިއަރައިދިޔުން. އެ މަގުތައް މިދަނީ ކޮށައި އަލިވެ އާރާސްތުވަމުން
ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދާއިރު، ރައްޔިތުން ބޭނުންވާ ގޮތަށް ކުރިޔަށްގެންދިއުމަށް އިސްކަންދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ކުރިން ކޮންކްރިޓް އަޅައިގެން ހަނދަން ހަމަޖެހިފައިވާ 67 ކިލޯމީޓަރުގެ މަގުތައް ރައްޔިތުން އެދުނު ގޮތަށް ތާރުއަޅައިގެން ހެދުމަށް މިހާރު ހަމަޖެހިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"މުޅި ރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއްގައިވެސް މިހާރު ސަރުކާރުން އިސްކަންދޭ އެއްކަމެއްވޭ. އެއީ، ރައްޔިތުން ބޭނުންވާ އަދި ރައްޔިތުން އެދޭގޮތަށް އެކަން ކުރުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހެޔޮވެރިކަމުގެ ނިޒާމަށް އެދި އައްޑޫ ސިޓީގެ ރައްޔިތުން އިޚްތިޔާރުކުރީ ބުރަ، އުނދަގޫ އަދި ކިތަންމެ ވޭނެއް ތަޙައްމަލް ކުރަންޖެހުނު އަޑިގުޑަން މަގެއްކަމަށެވެ. ނަމަވެސް، އޭގެ އާޚިރު ނަތީޖާ އައްޑޫގައި ހިނގާ މަޝްރޫޢުތަކަށް ބަލާއިރު ކިތަންމެހާވެސް ފޮނިކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިވަނީ ހަމަޖެހޭ، އަމާން އޮމާން މާދަމާއަށް ވާޞިލްވެވޭނެ މަގަށްކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހަމަހަމަ، އުފާވެރި، ތަނަވަސް ޖަޒީރާ ދިރިއުޅުމެއް ހޯދަން ބޭނުންވާނަމަ ރާއްޖޭގެ ހުރިހާ ސަރަހައްދެއް އެކުގައި ތަރައްޤީކުރަންޖެހޭކަމަށެވެ. އެގޮތުން ރާއްޖޭގެ ދެކުނުގެ ކުރިއެރުމާއި ތަރައްޤީގެ މުގޫލައިގަންނަންޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ އައްޑޫ ސިޓީކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.