އައްޑޫގެ ރައްޔިތުން މިދިޔަ 50 ވަރަކަށް އަހަރު ދެކެމުންދިޔަ ތަރައްޤީގެ ހުވަފެން ހަގީޤަތަކަށް ހައްދަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އައްޑޫ ބިން ހިއްކުން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު އައްޑޫއަށް ވަޑައިގަތުމުން އައްޑޫ ރައްޔިތުން ދެންނެވި މަރުޚާބާއަކީ ރާއްޖޭގެ ވެރިޔަކަށް އައްޑޫއިން މީގެކުރިން ދުވަހަކުވެސް ނުކިޔާވަރުގެ ހޫނު މަރުޚަބާއެއްކަމަށެވެ.
ޝަރީފް ވިދާޅުވީ، މި ސަރުކާރުން އައްޑޫގެ ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ކަށަވަރުކޮށްދީ، މިދިޔަ 50 އަހަރު ދެކެމުންދައި ހުވަފެން ހަގީޤަތަކަށް ހައްދަވައިދެއްވާފައިވާކަމަށެވެ. މީގެކުރީ ސަރުކާރުތަކުން އައްޑޫއާ މެދު މާބޮޑު އަޅާލުމެއް ނުބަހައްޓާކަން ފާޙަގަކުރައްވަމުން ޝަރީފް ވިދާޅުވީ، މި ސަރުކާރުން އައްޑޫއަކީ މުހިއްމުތަނެއްގެ ގޮތުގައި ދެކި، އެމަގުން ތަރައްޤީގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
Today, President @ibusolih attended the inauguration of the land reclamation project in Addu City. Estimated to cost MVR 1.6 billion, the project encompasses the reclamation of 228 hectares of land and a coral and seagrass relocation initiative as mitigation and conservation. pic.twitter.com/GPLoYeperK
— The President's Office (@presidencymv) June 3, 2023
"މިއީ މަނިކުފާނުގެ ތަސައްވުރެ ފެށުމެއްް. އައްޑޫ ތަރައްޤީކޮށްގެނޭ ރާއްޖެ ތަރައްޤީވާނީ ބުނާބުނުމުން މިއަދު މިވަނީ އަމަލުން ދައްކަވާފައި. އައްޑޫ ސިޓީގެ ރައްޔިތުން އެކަން ކަށަވަރުކޮށްފި. ބައެއް މީހުން މިކަމާއި އޮތީޝައްކު ކޮށްފައި، ކުރީ ސަރުކާރުތަކުން ކަންކަންކުރި ގޮތުން ތަރައްޤީއާމެދު، ނަމަވެސް މިއަދު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ރައްޔިތުންނަށް ތަރައްޤީ ލިބޭނެކަން ޔަގީންކޮށްފިކަމަށް" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އައްޑޫ ގެންނަމުންދާ ތަރައްޤީ ރައްޔިތުން ބަލައިގެންފައިވާ މިންވަރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ފެނިގެންދާނެކަމަށެވެ. އެގޮތުން އައްޑޫ ސިޓީން ރައީސް ސާލިހަށް 75އިންސަައްތައިގެ އަޤްލަބިއްޔަތެއް ލިބޭނެކަމަށް ޔަޤީންކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރައީސް ސާލިހުގެ ސަރުކާރުން އައްޑޫ ތަރައްޤީކުރައްވާނެކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ. އަދި ސަރުކާރުން ހިންގަވާ މަޝްރޫޢުތަކާއެކު ސަރަހައްދުގެ އިޤްތިޞާދީ ހަބަކަށް އައްޑޫ ސިޓީ ބަދަލުވެގެންދާނެކަމަށްވެސް ޝާރީފް ވިދާޅުވިއެވެ.