ޚަބަރު

ޖަޕާނުގައި ފެންބޮޑުވެ އެކަކު މަރުވެ އިތުރު ދެ މީހުން ގެއްލިއްޖެ


ތޫފާން މަވާރްގެ ސަބަބުން ޖަޕާނަށް ކުރަމުންދާ ބޯވިއްސާރައިގައި ބޮޑު ސަރަޙައްދެއްގައި ފެން ބޮޑުވެ ހިނގި ހާދިސާތަކުގައި އެކަކު މަރުވެ އިތުރު ދެ މީހުން ގެއްލިއްޖެއެވެ. ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ އައިއްޗީ ޕްރިފެކްޗަރގެ ސަރަޙައްދުތަކަށެވެ.

ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ވިދާޅުވެއެވެ. އަނިޔާވި ހަ މީހެއްގެ ހާލު ސީރިޔަސް ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.

އައިއްޗީ ޕްރިފެކްޗަރގެ ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކު މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ދެ މީހަކު ގެއްލިފައި ވަނީ ހުޅަނގުގައިވާ ވަކަޔަމާގައެވެ. އެ ސަރަޙައްދުގައިވާ ކޯރުތައް ފުރިގެން ބަންޑުންވެފައިވާއިރު، މަރުވެފައިވާ 60 އަހަރުގެ މީހެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. އަދި، ގެއްލިފައިވާ ދެ މީހުން ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފެންބޮޑުވުމާ ގުޅިގެން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމުގެ އަމުރު ޖަޕާނުގެ މެދުތެރެ އަދި ހުޅަނގުގައިވާ ގިނަ ސަރަޙައްދުތަކެއްގައި ވަނީ ނެރެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އައިއްޗީ ޕްރިފެކްޗަރއަށް ރެކޯޑް މިންވަރަކަށް ވާރޭވެހިފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. އަދި، ކޯރުތައް ފުރިގެން ބަންޑުންވުމާއި، ބިންގަނޑު ކަނޑިގެން ދިޔުމުގެ ހާދިސާތައް ހިނގާފާނެ ކަމުގެ އިންޒާރު ވަނީ ކޮށްފައެވެ.

ފެންބޮޑުވުމާ ގުޅިގެން ޖަޕާނުގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. ވެރިރަށް ޓޯކިޔޯގައި ވެސް 4,000 އެއްހާ ގޭބީސީއާއި ވިޔަފާރިތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމުގައި އެ ސިޓީގެ އޮފިޝަލުން ހާމަކުރެއެވެ. އެ ތަންތަނަށް ޚިދުމަތް އަލުން ގުޅައިދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ޓޯކިޔޯއާއި ނަގޯޔާގައި ރޭލު ދަތުރުފަތުރުގެ ޚިދުމަތްތައް ވެސް ވަނީ މެދުކެނޑިފައެވެ.

ޖަޕާނަށް ކުރިމަތިވާ މި ފަދަ ޤުދުރަތީ ކާރިސާތަކުގެ ފަހަތުގައި އޮތީ މޫސުމީ ބަދަލުތައް ކަމުގައި ސައިންސްވެރިން ބުނެއެވެ. އެ ޤައުމުގައި ހިނގާ ޤުދުރަތީ ކާރިސާތަކުގެ ޢަދަދު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރު އެ ޤައުމުގައި ހިނގި ނުރައްކާތެރި ބިންގަނޑު ކެނޑުމުގެ ހާދިސާއެއްގައި 27 މީހުން މަރުވިއެވެ. އަދި، 2018 ވަނަ އަހަރު ހިނގި ފެންބޮޑުވުމުގެ ހާދިސާގައި 200 އަށްވުރެ ގިނަ މީހުން މަރުވިއެވެ.