ޚަބަރު

އިންޑިޔާގެ ރޭލު އެކްސިޑެންޓުގައި މަރުވި މީހުންގެ ޢަދަދު 300އާ ގާތަށް


އިންޑިޔާގެ އިރުމަތީގައި އޮންނަ އޮޑިޝާ ސްޓޭޓްގައި ދެ ރޭލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވި މީހުންގެ ޢަދަދު 288 އަށް އަރައިފިއެވެ. މި ހާދިސާގައި 850 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. ޖެހިފައިވާ ދެ ރޭލުގެ ކާރުތަކުގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއީ، ފާއިތުވި 20 އަހަރުގެ ތެރޭގައި އިންޑިޔާގައި ހިނގާފައިވާ އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެވެ. އޮޑިޝާ ފަޔަރ ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް ސަދަންޝޫ ސަރަންގީ ވިދާޅުވީ މި ހާދިސާގައި ޒަޚަމުވި ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމުގައެވެ. ދެ ރޭލު ޖެހިފައި ވަނީ އޮޑިޝާ ސްޓޭޓްގެ ބަލަސޯރު ޑިސްޓްރިކްޓުގައެވެ.

މި ހާދިސާގައި ޒަޚަމުވެފައިވާ ހުރިހާ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް އޮފިޝަލުން މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމުގައި އޮޑިޝާގެ ޗީފް ސެކްރެޓަރީ ޕްރަދީޕް ޖީނާ ވިދާޅުވިއެވެ. އެ މަސައްކަތުގައި 200 އަށްވުރެ ގިނަ އެމްބިޔުލާންސް ދަނީ ބޭނުން ކުރަމުންނެވެ. 180 އަށްވުރެ ގިނަ ޑޮކްޓަރުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޖޫން 2 ވަނަ ދުވަހު އިންޑިޔާ ގަޑިން އިރުއޮއްސި 7 ޖެހިއިރުއެވެ. ޖެހިފައި ވަނީ ބެންގަލޫރުން ފުރައިގެން ހުޅަނގު ބެންގާލްގެ ހަވުރާއަށް ދަތުރުކުރި ހަވުރާ ސުޕަރފާސްޓް އެކްސްޕްރެސްގެ ރޭލަކާއި، ކަލްކަޓާއިން ފުރައިގެން ޗެންނާއީއަށް ދަތުރުކުރި ކޮރޮމޮންޑެލް އެކްސްޕްރެސްގެ ރޭލެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ކުރަމުންދާ ކަމުގައި އިންޑިޔާގެ ރޭލު ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުންޏެވެ.

އިންޑިޔާގައި ރޭލު ދަތުރުފަތުރުގެ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި ކަމުގައިވާ އިންޑިޔާ ރެއިލްވޭޒްއިން ބުނީ، ދުވާލެއްގެ މައްޗަށް 13 މިލިޔަނަށް ވުރެ ގިނަ މީހުން އެ ޚިދުމަތް ހޯދާ ކަމުގައެވެ. އެ ކުންފުނިންދޭ ޚިދުމަތްތަކުގައި ބޭނުންކުރާ ރޭލުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޯދިޔާވުމުގެ ސަބަބުން އެ ކުންފުންޏަށް މީގެ ކުރިން ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

މީގެ ކުރިން ވެސް އިންޑިޔާގައި މި ފަދަ ނުރައްކާތެރި ރޭލު އެކްސިޑެންޓުތައް ހިނގާފައިވެއެވެ. މި ފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާ ހިނގާފައި ވަނީ 1981 ވަނަ އަހަރުއެވެ. ބިހާރް ސްޓޭޓްގެ ބްރިޖެއް މަތިން ރޭލެއް ކޯރަކަށް ވެއްޓިގެން ހިނގި އެ ހާދިސާގައި ގާތްގަނޑަކަށް 800 އެއްހާ މީހުން މަރުވިއެވެ.