ޚަބަރު

"ހޮރައިޒިއާ 2"އަޑިއަށް ދިޔަ ހިސާބުން ދަތުރު ކުރުމުގައި ސަމާލުވާން އިލްތިމާސްކުރައްވައިފި


ރޭ މާލެއިން ފުރައިގެން ރ. ރަސްގަތީމަށް ދަތުރުކުރި "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ބޯޓުގެ އިންޖީނު ރޫމުގައި ރޯވެ ހިނގި ހާދިސާގައި އެބޯޓު އަޑިއަށް ގޮސް އޭގައި ހުރި މުދާތައް އޮޔާދާތީ އެސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ. މި ހާދިސާގައި ރޯވެ އަޑިއަށް ގޮސްފައިވަނީ ވިޔަފާރި މުދާ ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ.

މި ބޯޓުގައި އަލިފާން ރޯވެފައިވަނީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުންނެވެ.

މި ބޯޓުން 10 މީހުން ދަތުރުކުރި ކަމަށާއި މިމީހުން ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނެގުމަށްފަހު އެމީހުން ބ.ކަމަދޫއަށްވަނީ ގެންގޮސްފައެވެ. މީގެ ތެރެއިން ހދ މަކުނުދޫ އަށް ނިސްބަތްވާ 6 މީހަކު އެރަށަށް ފޮނުވާލާފައިވާ ކަމަށް ކަމަދޫ ކައުންސިލުން މައުލޫމާތުދެއެވެ. ދެންތިބި 4 މީހުން މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.


މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުވެސް ބ.އަތޮޅު އޭދަފުށީގެ 1.5 މޭލު ބޭރަށް މުދާ އުފުލާ ބޯޓެއް ވަނީ އަޑިއަށްގޮސްފައެވެ.