އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ވެސްޓަން ކޮންފަރެންސްއަށް ނިސްބަތްވާ ފީނިކްސް ސަންސްގެ އައު ކޯޗަކަށް ތަޖުރިބާކާރު ފްރޭންކް ވޯގެލް ހަމަޖައްސަން ނިންމައިފިއެވެ.
ވޯގެލް އެންމެ ފަހުން ކޯޗް ކޮށްދީފައިވަނީ 2021-2022 ވަނަ ސީޒަންގައި ލޮސް އެންޖަލިސް ލޭކަރސްއަށެވެ.
ސަންސްއިން ވަނީ ވެސްޓަން ކޮންފަރެންސް ސެމީފައިނަލްސްގައި ޑެންވަރ ނަގެޓްސް އަތުން ބަލިވުމާއެކު އެޓީމްގެ ކޯޗް މޮންޓީ ވިލިއަމްސް މަގާމުން ވަކިކޮށްފައެވެ. އަދި ބުނެވޭގޮތުގައި ވިލިއަމްސް މިހާރުވަނީ ޑެޓްރޮއިޓް ޕިސްޓަންސްގެ އާ ކޯޗަކަށް 78.8 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގެދަށުން ސޮއިކުރުމަށް ތައްޔާރުވެފައެވެ.
ވޯގެލްވަނީ ލޭކަރސްގެއިތުރުން އިންޑިއާނާ ޕޭސަރސް އާއި އޯލާންޑޯ މެޖިކްއަށްވެސް ކޯޗް ކޮށްދީފައެވެ. އޭނާވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ކުރުކޮށްލި 2019-2020 ވަނަ ސީޒަންގެ އެން.ބީ.އޭ. ތަށި ލޭކަރސް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މިތަށި އެޓީމަށް ކާމިޔާބުކޮށްދިންތާ 18 މަސް ނުވަނީސް އޭނާވަނީ މަގާމުން ވަކިކޮށްފައެވެ.
ވޯގެލް އެންމެ ބޮޑަށް ފާހަގަ ވެގެން ގޮސްފައިވަނީ އޭނާ އިންޑިއާނާ ޕޭސަރސްއަށް ކޯޗް ކޮށްދިން ދުވަސްވަރުއެވެ. މިގޮތުން 2010 އިން 2016 ވަނަ އަހަރާއި ދެމެދު ހަ ސީޒަންގެ ތެރެއިން ފަސް ސީޒަނެއްގައި އޭނާ ވަނީ ޕޭސަރސް ޕްލޭ އޮފަށް ގެންގޮސްދީފައެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ފާހަގަ ކުރެވިފައިވަނީ 2013-2014 ވަނަ އަހަރުގެ ސީޒަނެވެ. އެފަހަރު ޕޭސަރސްވަނީ 56 މެޗް ކާމިޔާބުކޮށްފައެވެ.