ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގައި ތިންވަނައަށް ސީޑް ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ، މި ފަހަރުގެ މުބާރާތުގެ ތިންވަނަ ބުރުގައި ބަލިވެއްޖެއެވެ.
މިއާއެކު ޕެގޫލާ ވެފައިވަނީ މިފަހަރުގެ މުބާރާތުން މިހާތަނަށް ބަލިވި އެންމެ މަތިން ސީޑް ކުރެވިފައިވި އަންހެން ކުޅުންތެރިޔާ އަށެވެ.
ޕެގޫލާ އާއި މިމުބާރާތުގައި 28 ވަނައަށް ސީޑް ކުރެވިފައިވި ބެލްޖިއަމްގެ އެލީސް މާޓެންސް ބައްދަލުކުރިމެޗް މާޓެންސް ކާމިޔާބުކޮށްފައިވަނީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް އެކެއް އަދި ހައެއް ތިނަކުންނެވެ.
މިމުބާރާތުގެ ހަތަރުވަނަ ބުރުގައި މާޓެންސް ބައްދަލުކުރާނީ ރަޝިއާގެ އަނަސްޓޭޝިއާ ޕަވްލިޔުޗެންކޮވާ އާއެވެ. ސިންގަލްސް ބައިން ބަލިވި ޕެގޫލާ ފްރެންޗް އޯޕަން މުބާރާތުން އަދި އެއްކޮށް ނުކަޓައެވެ. އެއީ އަންހެން ޑަބަލްސްގެ ދެވަނަ ބުރަން އޭނާއާއި ކޯކޯ ގައުފް ދަތުރު ކޮށްފައިވުމުންނެވެ.
މިމުބާރާތުގައި ދުނިޔޭގައި ދެވަނައަށް ސީޑް ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ އާއި ރަޝިއާގެ ކަމީލާ ރަހިމޯވާ ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ސީދާ ދެސެޓުން ކާމިޔާބުކުރީ ސަބަލެންކާއެވެ. އެއީ ހައެއް ދެއެއް އަދި ހައެއް ދެއަކުންނެވެ.
އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފައިވާ ސަބަލެންކާ ހަތަރު ވަނަ ބުރުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ސްލޮއާނޭ ސްޓެފެންސް އާއެވެ. ސްޓެފެންސް ހަތަރު ވަނަ ބުރުން ޖާގަހޯދީ ތިން ވަނަ ބުރުގައި ރަޝިއާގެ ޔޫލިއާ ޕުޓިންޓްސޭވާ އާއި ބައްދަލުކުރިމެޗް ހައެއް ތިނެއް، ތިނެއް ހައެއް އަދި ހައެއް ދެއަކުން ކާމިޔާބުކޮށްގެންނެވެ.