ޚަބަރު

ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ބ.އަތޮޅު ޖީލުތަކަށް ގެންދިއުމަށް ދަރިވަރުންގެ ޙިއްޞާ ބޮޑު: ޝައުނާ


ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި އެންމެ ފުރަތަމަ ރާއްޖެއިން ކަނޑައަޅާފައިވާ ބ.އަތޮޅުގެ ވެށީގެ ހިތްގައިމުކަމާއި ކަނޑުގެ ދިރުމުގެ މުއްސަނދިކަން އަންނަ އޮތް ޖީލުތަކަށް ގެންދިއުމަށް މިއަދުގެ ކިޔަވާ ކުދިންގެ ޙިއްޞާ ބޮޑުކުރަން ޖެހޭކަަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 2021-2022 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތިމާވެށްޓާބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވީ ބ.އަތޮޅުގެ ކަނޑާއި ފަރުތަކަށް ލިބިފައި އޮތް ޤުދުރަތީ މުއްސަނދިކަން އެގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭވަރުގެ ދަރިވަރުންތަކެއް ބިނާވާން ޖެހޭކަމަށާއި، މިހާރުގެ ދަރިވަރުން މިކަން ނުކޮށްފިނަމަ އަންނަން އޮތް ޖީލުތަކަށް މިތަންތަން ރައްކާތެރިކަމާއެކު ނުގެންދެވޭނެކަމަށެވެ. އަދި މިކަންކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިކަން ޙާޞިލްކުރުމަށް ބ. އަތޮޅުގެ ރައްޔިތުންނާއި ދަރިވަރުންނަށް އުނދަގޫތަކެއް ކުރިމަތި ނުވާނެކަން ފާހަގަކުރައްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ، ތިމާވެށީގެ ކަންކަމަށް ހޭލުންތެރި މުޖުތަމައެއް އޮތް އަތޮޅަކުން ރާއްޖޭގެ އެހެން އަތޮޅުތަކާއި، މުޅި ދުނިޔެއަށްވެސް މިކަމުގައި މިސާލު ދެއްކިދާނެ ކަމަށެވެ.

"ބަޔޮސްފިއަރ ރިޒާވްއަކަށް ވުމުގެ ބޭނުމަކީ. ތަރައްޤީ ހުއްޓުވުމެއް ނޫން. ދެމެހެއްޓެވިނިވި ތަރައްޤީގެ މިސާލު ދެއްކުން. ރީތި މާހައުލުތައް ހިމާޔަތްކޮށްގެންވެސް ތަރައްޤީ ކުރެވިދާނެކަން މުޅި ދުނިޔެއަށްވެސް ދެއްކުން، ބ.އަތޮޅުގެ ރީތިކަން ދެމެހެއްޓޭނެ އެކަން ހާސިލު ކުރުމަށް ތިޔަ ދަރިވަރުންނަށް އިލްތިމާސްކުރަން" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ

މިނިސްޓަރ ޝައުނާ އިތުރަށް ވިދާޅުވީ، ވެށީގެ މުއްސަނދިކަން ދެމެހެއްޓުމަށް އިންޤިލާބީ ބަދަލަކާ ހަމައަށް ވާސިލުވެވެން އަންނަނީ ތިޔަ ކުދިން ކުރިއަށް ނިކުމެގެން ކަމަށެވެ. ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ނެރެވޭނީ ދިވެހިންނަށް ވީހިނދު މިއަދު ތައުލީމް ޙާޞިލް ކުރަމުންދާ ދަރިވަރުންގެ ޒިންމާ މިކަންކަމުގައި ވަރަށް ބޮޑުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ރަށްތަކުގެ ޙިމާޔަތުގައި ލައްވާފައިވާ މުރަކައިގެ ފަރުތައް ތާއަބަދު އެގޮތުގައި ކަނޑުއަޑީގެ ރީތި ބަގީޗާތަކެއްގެ ގޮތުގައި ދެމިއޮންނާނެ ގޮތްތައް އަޅުގަނޑުމެން ދިރާސާކޮށް ހޯދަންޖެހޭ އަޅުގަނޑުމެން ފަތުރުވެރިކަމާއި މަސްވެރިކަން ދަމަހައްޓައިގެން ނޫނީ ގައުމުގެ އިޤްތިޞާދު ބިނާކުރެވޭކަށް ނެތް." މިިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު ސާނަވީ ނިންމާ އިމްތިޙާނުން ފަސް މާއްދާއިން 80 އިންސައްތަ ދަރިވަރުން ވަނީ ފާސްވެފައެވެ. މި އިމްތިޙާނުން ރަނގަޅު ނަތީޖާ ހޯދައި އެ ސްކޫލުގެ 9 ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ 10 ވަނައިގެ ތެރޭގައި ހިމެނިފައެވެ. މީގެ އިތުރުން ނިމިދިޔަ ސާނަވީ އިމްތިޙާނުން މުޅި ރާއްޖެއިން ކެމިސްޓްރީ އިން އެއްވަނަ އެސްކޫލުގެ ދަރިވަރަކު ވަނީ ހޯދާފައެވެ.

2022 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން ބ.އަތޮޅު ތައުލީމީ މަރުކަޒުން 3 މާއްދާއިން 93 އިންސައްތަ ދަރިވަރުން ވަނީ ފާސްވެފައެވެ. މީގެތެރެއިން އިސްލާމް ދިވެހި ބައޮލޮޖީ ބިޒްނަސް ސްޓަޑީސް އަދި އެކައުޓިންއިން ހުރިހާ ދަރިވަރުން ފާސްވެފައިވެއެވެ. މި އިމްތިހާނުން 15 ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނިފައެވެ.

މިރަސްމިއްޔާތުގައި ގާލް ގައިޑް ޙަރަކާތުގެ އެންމެ ޝަރަވްވެރި އެވޯޑް ކަމުގައިވާ "ޕްރެޒިޑެންޓްސް ބެޖް" ޙާޞިލްކުރި އެސްކޫލްގެ ޔުމްނާ އާތިފްއަށް އެކަމުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލާ ޙަވާލުކުރައްވައިފައެވެ.

ސާނަވީ އިމްތިޙާނުން މި ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ބ.އޭދަފުށީ އުތުރުގެ މުޙައްމަދު މަނޫން ފާއިޒެވެ. މަތީ ސާނަވީ އިމްތިޙާނުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ބ.އޭދަފުށީ ދަނބުގެ މުޙައްމަދު ނާއިޝްއެވެ. މި ދަރިވަރުންނަށް ޓްރޮފީއާއި ފައިސާގެ އިނާމާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޙާއްޞަ އިނާމް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

ރާއްޖޭގެ އަތޮޅުތެރޭގައި ސަރުކާރުން އެޅި ފުރަތަމަ ސްކޫލް ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި މި ސްކޫލުގެ ނިމިދިޔަ ދިރާސީ އަހަރު ގްރޭޑް 9 ން 12 އަށް އިނާމް ހޯދާފައިވާ ދަރިވަރުންނަށް އިނާމާ ޓްރޮފީ އާ ފައިސާގެ އިނާމް ޙަވާލުކޮށްދެއްވީ މިނިސްޓަރ ޝައުނާގެ އިތުރުން އޭދަފުށީގައި ހުރި ސަރުކާގެ މުއައްސަސާތަކުގެ އިސްވެރިންނެވެ.