ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ހދ. ކުމުންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ކުމުންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ޙަވާލުކުރައްވާފައިވަނީ އާރް.ޖީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޙައްމަދެވެ. އަދި އާރް.ޖީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު އާސިފެވެ.
މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރެއްވީ މަސައްކަތް ފަށާތާ، 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން ދެ މިލިޔަން އަށް ލައްކަ ސާޅީސް ތިންހާސް އެއް ސަތޭކަ ތޭރަ ރުފިޔާ ސާޅީސް ދެ ލާރި ޚަރަދުކޮށްގެން ކުރިިޔަށްގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.