ޚަބަރު

ދޯންޏެއްގެ އިންޖީނު ރޫމްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި


ދޯންޏެއްގެ އިންޖީނު ރޫމްގައި އަލިފާން ރޯވެގެން އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމް.އެން.ޑީ.އެފް.އިން ވިދާޅުވީ، މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރި "ހޮރައިޒިއާ 2" ނަމަކަށް ކިޔާ ދޯންޏެއްގެ އިންޖީނު ރޫމްގައި އަލިފާން ރޯވެގެން އެމް.އެެން.ޑީ.އެފް ކޯސްޓްގާޑް މެރިޓައިން ރެސްކިއު ކޯޑިނޭޝަން ސެންޓަރ ހަރަކާތްތެރިވަމުންދާކަމަށެވެ.


މި ބޯޓުގައި އަލިފާން ރޯވެފައި ވަނީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުންނެވެ. މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 19:16 ހާއިރުކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

މި ބޯޓުން ދަތުރުކުރި 10 މީހުން މިހާރު ފޯ ސީޒަން ރިސޯޓްގެ ލޯންޗަކަށް ނަގާފައިވާކަމަށާއި، ބޯޓުން ދަތުރުކުރި އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވިއެވެ. އަދި ބ. އޭދަފުށީ ސީއެމްބިއުލާންސާއި، ޅ. މާފިލާފުށިން ކޯސްޓްގާޑް ހާބަރ ކްރާފްޓް ލޯންޗް އެސަރަހައްދަށް ދިއުމަށް ދަތުރުކުރަމުންދާކަމަށްވެސް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.