ޚަބަރު

ދެކުނު އެފްރިކާގައި ކޮލެރާ ޖެހިގެން 17 މީހުން މަރުވެއްޖެ


ދެކުނު އެފްރިކާގެ ވެރިރަށް ޕްރިޓޯރިޔާގެ އުތުރުން އޮންނަ ރަށެއްގައި ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮލެރާ ފެތުރެމުންދާއިރު، މި ބަލީގައި މަރުވި މީހުންގެ ޢަދަދު 17 އަށް އަރައިފިއެވެ. މި އަހަރުގެ ތެރޭގައި ދެކުނު އެފްރިކާއިން މި ބަލި ޖެހިފައިވާ ބަޔަކު ފުރަތަމަ ފަހަރަށް ފެނިފައި ވަނީ ފެބުރުވަރީ މަހުގެ ތެރޭގައެވެ. އެ މަހު ބަލި ޖެހިފައިވާ ދެ މީހަކު ފެނިފައި ވަނީ ޕްރިޓޯރިޔާ ކައިރީގައި އޮންނަ ރަށެއް ކަމުގައިވާ ހަންމާންސްކްރާލުންނެވެ.

ކޮލެރާ އެންމެ ފަސޭހައިން ފެތުރެނީ ފެނުގެ ޒަރީއާއިންނެވެ. ނަމަވެސް، ކޮލެރާ ބެކްޓީރިޔާގެ އަސަރުކޮށްފައިވާ ކާބޯތަކެތީގެ ޒަރީއާއިން ވެސް މި ބަލި ފެތުރުމުގެ ފުރުޞަތު އޮވެއެވެ. ސާފުތާހިރުކަން ކުޑަވުމާއި، ކުޑަކަމުދާ އަދި ބޮޑުކަމުދާ ނަޖިހުގެ ޒަރީއާއިން ވެސް މި ބަލި ފެތުރެއެވެ. މިއީ، އެކަކު ގައިން އަނެކެއްގެ ގަޔަށް އަރާ ބައްޔެކެވެ.

ދެކުނު އެފްރިކާގެ ހަންމާންސްކްރާލް ސަރަޙައްދުގައި މި ބަލި ހަލުވިކަމާ އެކު ފެތުރެމުންދާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ބުނެއެވެ. ދެކުނު އެފްރިކާއަކީ އެފްރިކާ ބައްރުގައި އޮންނަ އެންމެ ކުރިއަރާފައިވާ އިޤުތިޞާދަށް ވާއިރު، ބަލި ފެތުރުން ހުއްޓުވަން ސަރުކާރުން އެއްވެސް ވަރަކަށް މަސައްކަތް ކުރަމުން ނުދާކަމަށް ބުނެ ހަންމާންސްކްރާލްގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހަންމާންސްކްރާލްގެ ޞިއްޙީ އޮފިޝަލުން ވިދާޅުވީ، މި ބަލީގެ އަލާމާތްތަކާ އެކު ހުސްވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 165 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމުގައެވެ. އޭގެ ތެރެއިން 12 ވަރަކަށް މީހުންނަށް ކޮލެރާ ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި، މި ބަލީގައި މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު 17 އަށް އަރާފައިވާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ސަންދީލް ބުތެލޭޒީ ވިދާޅުވީ، މި ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވަމުންދާ ކަމުގައެވެ.

ދެކުނު އެފްރިކާއިން މި އަހަރުގެ ތެރޭގައި މި ބަލި ފެނިފައި ވަނީ ފެބުރުވަރީ މަހުގައި ނަމަވެސް، އޭގެ ކުރިން ވެސް އެ ޤައުމާ އިންވެގެން އޮންނަ މޮޒަމްބީކާއި މަލާވީގައި ހަލުވިކަމާ އެކު ބަލި ފެތުރެމުން ގޮސްފައިވާ ކަމުގައި އ.ދއިން ބުނެއެވެ. އެފްރިކާ ބައްރުގައި އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި މޮޒަމްބީކާއި މަލާވީ ހިމެނެއެވެ.

ހަންމާންސްކްރާލަށް ފެނުގެ ކާރިސާއެއް ކުރިމަތިވެފައިވާ ކަމުގައި އެ ރަށުގެ ރައްޔިތުން ބުނެއެވެ. އަދި، އެ ރަށުގައި ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ނިޒާމު ބައުވެ ހަލާކުވެފައިވާ ކަމަށާއި، ސަޕްލައި ފެނުގެ ކުލަ ހަޑިވެ، ތަޣައްޔަރުވެފައިވާ ކަމުގައި ވެސް އެ މީހުން ބުނެއެވެ. ކެއްކުމާއި ބުއިމަށް ސަޕްލައި ފެން ބޭނުން ނުކުރުމަށް އެ ރަށުގެ އޮފިޝަލުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ޝަކުވާތަކާ ގުޅިގެން، އެ ކަން ބަލައި ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. އަދި، އެ ރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. ނަމަވެސް، އެ ރަށަށް ސާފު ބޯފެން ފޯރުކޮށްދެމުން ދަނީ ކޮންމެ ދެ ހަފުތާއަކުން އެއް ފަހަރު ކަމަށް ބުނެ، އެ ރަށުގެ ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.

ކޮލެރާގެ އަލާމާތްތަކުގެ ތެރޭގައި ބޭރަށްހިންގުމާއި، ހޮޑުލުމާއި، ހަށިގަނޑުން ފެން މަދުވުމާއި، މަސްތަކުގެ ރިހުމާއި މަސްގުޅަކެއުން އަދި ހިތުގެ ހިނގުން އަވަސްވުމާއި ލޭގެ ޕްރެޝަރު ދަށްވުން ހިމެނެއެވެ. މިއީ ކުޑަކުދިންގެ ފުރާނައަށް ވަރަށް ނުރައްކާތެރި ބައްޔެކެވެ. 2021 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮލެރާގެ ބަލިމަޑުކަމެއް ފެށިފައިވާ ކަމުގައި ޑަބްލިޔު.އެޗް.އޯއިން ބުނެއެވެ.