ޚަބަރު

މިރޭގެ އެއްވުމުގެ ތެރެއިން ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށް ފުލުހުން އިލްތިމާސްކޮށްފި


ޗާގޯސް މައްސަލައިގައި ބައެއް ސިޔާސީ ފަރާތްތަކުން މިރޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތުގެ ތެރެއިން ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށާއި، މި ހަރަކާތް ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށްގެންދިއުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

މިކަމާގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނުގައި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤު ބޭނުންކުރުމުގެ ހަމަތައް ޤާނޫނު ނަންބަރު 1/2013 "ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު" އާއި އެ ޤާނޫނަށް އިސްލާޙު ގެނެސްފައިވާ ޤާނޫނުތަކުގައި ބަޔާންކުރެވިފައިވާކަމަށް ވިދާޅުވެފައިވެއެވެ.

މި ޤާނޫނާ އެއްގޮތަށް، ސުލްޙަވެރިކަމާއެކު ހިންގާ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގާ ސަރަޙައްދުތަކުގެ މަގުތަކާއި އެނޫންވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް ވޮޑު އިސްކަމެއްދީގެން ކުރަމުންދާ ކަންކަންކަމަށް މި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ފުލުހުން ވިދާޅުވީ، މިރޭ ކުރިއަށްގެންދިއުމަށް ތައްޔާރުވަމުންދާ ހަރަކާތުގައި ބައިވެރިވުމަށް އަތޮޅު ތެރެއިން މީހުން އަންނަކަމާއި، މި ހަރަކާތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ރާވަމުންދާކަމަށާއި، އަދި ބައެއް ފަރާތްތަކުން ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގާނެކަމަށް ބުނަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

އެހެންކަމުން މި ހަރަކާތުގައި އާންމު ސުލްޙައަށް ބުރުއަރާނެ އެއްވެސްކަމެއް ނުކުރުމަށާއި، ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށްގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޤާނޫނާ ޚިލާފު އެއްވެސް އަމަލެއް ނުހިންގުމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައި އިލްތިމާސްކުރައްވާފައިވެއެވެ.