ކުޅިވަރު

20 އަހަރުން ދަށުގެ ވޯލްޑް ކަޕް: އެކުއެޑޯ ބަލިކޮށް ދެކުނު ކޮރެއާ ކުއާޓާ ފައިނަލަށް


އާޖެންޓީނާގައި މިހާރު ކުރިއަށްދާ ފީފާ އަންޑަރ ޓުވެންޓީ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލުން ދެކުނު ކޮރެއާ ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލުން ކޮރެއާ ޖާގަ ހޯދީ ފަހު 16 ޓީމްގެ ބުރުގައި އެކުއެޑޯ އާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ.

ސަންޓިއާގޯ ޑެލް އެސްޓޭރޯގައި ކުޅުނު މިމެޗް ކޮރެއާއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެކުއެޑޯއިންނެވެ. ނަމަވެސް މިމެޗްގެ ފެށުން ރަނގަޅުވީ ކޮރެއާގެއެވެ. މިގޮތުން އެޓީމުންވަނީ މެޗްގެ 11 ވަނަ މިނެޓްގައި ލީ ޔަންގޖުންގް ޖަހާދިން ލަނޑާއެކު މެޗްގެ ލީޑު ނަގާފައެވެ. އަދި އޭގެ 8 މިނެޓްފަހުން ކޮރެއާއިން ވަނީ އެޓީމްގެ ލީޑު ފުޅާވެސް ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ފުރަތަމަ ލަނޑު ޖެހުމުގައި އެހީތެރިވެދިން ބާއި ޖުންހޯއެވެ.

މިމެޗްގައި އެކުއެޑޯއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖަސްޓިން ކުއޭރޯއެވެ. ކޮރެއާއިން ވަނީ ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި އަނެއްކާވެސް ދެލަނޑުގެ ލީޑު ނަގާފައެވެ. މިފަހަރު އެޓީމްގެ ލަނޑު ޖަހާދިނީ ޗޯއި ސެއޮކްހިއުންއެވެ. އަދި އެކުއެޑޯގެ ދެވަނަ ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހާދިނީ ސެބަސްޓިއެން ގޮންޒާލޭސްއެވެ. މިލަނޑާއެކު މެޗްގެ ފަހު ވަގުތު ކޮޅުގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ ނަމަވެސް އެކުއެޑޯއަށް އިތުރު ލަނޑެއް މިމެޗްގައި ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ދެކުނު ކޮރެއާ މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި މިއަންނަ އާދިއްތަ ދުވަހު ބައްދަލުކުރާނީ ނައިޖީރިއާ އާއެވެ.