ސ ގަން އިންޓަރނޭޝަނޭލް އެއަރޕޯޓުގެ ރަންވޭ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ހާމަކުރައްވައިފިއެވެ. މިމަސައްކަތުގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޭޕްރަންގެ ހުޅަނގުން 90 މީޓަރު ފުޅާ އަދި 125 މީޓަރު ދިގު ސަރަޙައްދެއް އެއްކޮށް ތަޅާލައި އަލުން ކޮންކްރީޓްއެޅުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އޭޕްރަން ސަރަޙައްދުގެ މަސައްކަތް ފަސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށާއި، މި މަސައްކަތް ނިމުމުން ރަންވޭ އަޕްގްރޭޑްކުރުމުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެފައިވެއެވެ. އޭޕްރަން ސަރަޙައްދު މިހާރު ބޭނުން ކުރަމުންގެންދަނީ ގަމުގެ އޭޝިޔަން އެކަޑެމީ އޮފް އެއިރޮނޯޓިކްސް – ފްލައިޓް ޓްރެއިނިންގ ސްކޫލް- އާއި އެމް.އެން.ޑީ.އެފް ސަދަން އޭރިޔާގެ އެއަރ ވިންގް ހެލިކަޕްޓަރ އޮޕަރޭޝަންސްގެ ބޭނުންތަކަށެވެ. އެހެންކަމުން އޭޕްރަންގެ މަސައްކަތް ކުރަމުންދާ މުއްދަތުގެ ތެރޭގައި ދިމާވެދާނެ ދަތިތަކަށް އޭޝިޔަން އެކަޑެމީ އޮފް އެއިރޮނޯޓިކްސް އާއި މިނިސްޓްރީ އޮފް ޑިފެންސްއިން ދަނީ އެފަރާތްތަކުގެ އޮޕަރޭޝަންތައް އޭޕްރަންގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުނެވެ.
ގަން އިންޓަރނޭޝަނަލް އެއާރޕޯޓުގެ ރަންވޭ މަރާމާތުގެ މަސައްކަތުގެ ތެރޭގައި ރަންވޭދިގު ކުރުމާއި ކުރީގެ ރަންވޭ އާއި ޓެކްސީވޭ ގެ އިތުރުން އޭޕްރަންމަތީގައި ކޮންކްރީޓް ލޭޔަރެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޭޕްރަން ރީސަރފޭސް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް އެ އެއަރ ޕޯޓުން މަޢުލޫމާތުދެއްވައެވެ.