ޚަބަރު

އެމެޒަން ޖަންގައްޔަށް ގެއްލުނު ކުދިން ފެންނާނެ ކަމުގެ އުންމީދު އައުވެއްޖެ


އެމެޒަން ޖަންގައްޔަށް މީގެ މަހެއްހާ ދުވަސް ކުރިން ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި ހަތަރު ކުޑަކުދިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައި ކޮލަމްބިޔާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. ޕައިލެޓުގެ އިތުރުން ހަ ފަސިންޖަރުންނާ އެކު ދަތުރު ކުރަމުންދިޔަ މަތިންދާބޯޓު ކޮލަމްބިޔާގެ ކެކޭތާ ސަރަޙައްދުގެ އެމެޒަން ޖަންގަލީގެ ތެރެއަށް ވެއްޓިފައި ވަނީ މޭ 1 ވަނަ ދުވަހުއެވެ.

ޕައިލެޓާއި ދެ ފަސިންޖަރުން މި ހާދިސާގައި މަރުވެފައިވާއިރު، އޭގެ ތެރޭގައި ގެއްލުނު ހަތަރު ކުޑަކުދިންގެ މައިމީހާ ވެސް ހިމެނެއެވެ. ގެއްލިފައި ވަނީ 13 އަހަރާއި، ނުވަ އަހަރާއި، ހަތަރު އަހަރުގެ ކުއްޖެއްގެ އިތުރުން 11 މަހުގެ ތުއްތުކުއްޖެކެވެ.

އެ ކުދިން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނީ، ދަނޑިފަނުން ތައްޔާރުކޮށްފައިވާ ޖިފުޓިއަކާއި، ކެއުމަށް ބޭނުންކޮށްފައިވާ މޭވާތަކަކާއި، އެއް ކުއްޖެއްގެ ފައިތިލައިގެ ނިޝާން ޖަންގަލި ތެރެއިން ފެނިފައިވާ ކަމުގައެވެ. އަދި، މި ތަކެތި ފެނުމާއެކު، އެ ކުދިން ދިރިހުއްޓާ ހޯދައި، ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު އައުވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

އެ ކުދިން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކޮލަމްބިޔާގެ އަސްކަރިއްޔާގެ 160 ސިފައިންނާއި، އެ ސަޙައްދުގައި ދިރިއުޅޭ ޢާންމުންގެ ތެރެއިން 70 އަށްވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ކަމުގައި އިސްކޮށް އުޅުއްވާ އަސްކަރިއްޔާގެ ޖެނެރަލް ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، އެ ހަތަރު ކުދިން ދިރިތިބި ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. އަދި، އެ ކުދިން އެންމެ ފަހުން ދިރިއުޅެފައިވާ ކަމަށް ބެލެވޭ ސަރަޙައްދު ދެނެގަނެވިފައިވާ ކަމަށާއި، އިސާހިތަކު އެ ކުދިން ފެންނާނެ ކަމުގެ އުންމީދު އޮތް ކަމުގައެވެ.

އެ ކުދިން ހޯދުމަށް އެމެޒަން ޖަންގަލީގެ 320 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ދިޔައީ ބަލަމުންނެވެ. ނަމަވެސް، މިހާރު ބަލަމުން ދަނީ އެ ކުދިން އެންމެ ފަހުން ފެނުނު ކަމަށް ބެލެވޭ ސަރަޙައްދުގެ 20 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގައެވެ.

ގެއްލިފައިވާ ހަތަރު ކުދިންގެ މާމަ ފިޑެންސިޔޯ ވެލެންސިޔާ ބުނީ އެ ކުދިންގެ ތެރެއިން ދޮށްޓަށް ތިބި ތިން ކުދިންނަކީ ވަލުތެރޭގައި ދިރިއުޅެން ފަރިތަ ތިން ކުދިން ކަމުގައެވެ. އެއީ ކޮލަމްބިޔާގެ ޖަންގަލިތަކުގައި ދިރިއުޅޭ ވިޓޯޓާ ދަރިކޮޅަށް ނިސްބަތްވާ ކުދިންތަކެކެވެ. މިނިކާ ޖަނަވާރު ވެސް ދިރިއުޅޭ ޖަންގަލީގެ ތެރޭގައި އެ ކުދިން ފިލާ ތިބި ކަމަށް ބެލެވޭ އިރު، މޫސުން ގޯސްވެ ބޯކޮށް ވާރޭވެހެމުން ދިޔުމާ ގުޅިގެން އެ ކުދިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

އެ ކުދިން ގެންގުޅުނު ކަމަށް ބެލެވޭ ކަތުރަކާއި ބޫޓު ކިބައަކާއި ބޮލުގައި އައްސާ ރަބަރުކޮޅެއްގެ އިތުރުން ތުއްތު ކުއްޖެއްގެ ބުއްފުޅިއެއް ޖަންގަލީގެ ތެރެއިން ފެނިފައިވެއެވެ. ވެއްޓުނު ބޯޓުގައި ތިބި ޕައިލެޓާއި އިތުރު ދެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ މޭ 15 ވަނަ ދުވަހުއެވެ. މަތިންދާބޯޓު ވެއްޓިފައި ވަނީ އެމެޒަން ޖަންގަލީގެ ރަށެއް ކަމުގައިވާ ސަން ހޯސޭ ޑެލް ގުއަވިއަރޭން ފުރައިގެން ދަތުރުކުރަމުން ދަނިކޮށެވެ.

މަތިންދާބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާއިރު، އޮފިޝަލުން މިހާރު ދަނީ އެ ކަން ތަހުޤީޤު ކުރަމުންނެވެ. ނަމަވެސް، ބޯޓުގެ އިންޖީނަށް މައްސަލައެއް ކުރިމަތިވެފައިވާ ކަން، ބޯޓާ ގުޅުން ކެނޑުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޕައިލެޓް ވަނީ ރިޕޯޓުކޮށްފައެވެ.