ޚަބަރު

ކޮމިޓީތައް ހުއްޓުމަކަށް އައުމުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް!


ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ހުއްޓިފައިވުމުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ނުވަތަ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގެ މަސައްކަތްތައް ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނުތައް އެކުލަވާލުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވެވަޑައިގަތުމާއި ގުޅިގެން މަޖިލީހުގެ މެމްބަރުންގެ ދަފްތަރަށް އައި ބަދަލާއެކު، ކޮމެޓީތަކަށް ބަދަލު ގެންނަވަން ކުރެވުނު މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނުގެނެވި ކޮމެޓީތަކުގެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ.

ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައިވުމުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާއި އެންމެ ގުޅުންހުރި މަސައްކަތްކުރާ ދައުލަތުގެ ބާރަށްވާއިރު، މަސައްކަތްތައް މަޑުޖެހި، މަޖިލިސް ހުއްޓިފައި އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މުހިންމު ބިލުތަކުގެ މަސައްކަތްވެސް ކުރިއަށް ނުގޮސް ހުއްޓިފައިވާކަމަށް މިއުވާން ވިދާޅުވިއެވެ.

"ސަރުކާރުގެ ކަންބޮޑުވުން އެބަހުރި. ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބައެއް ބިލްތަކުގެ މަސައްކަތް މަޖިލީހުގެ ތެރޭގައި މަޑުޖެހި އަދި ލެޖިސްލޭޓިވް އެޖެންޑަރ ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް އެބަދިމާވޭ. ނިމިގެންމިދިޔަ ހަފްތާގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރވެސް އިޤްތިޞާދާއި ގުޅުންހުރި މުހިންމު ބައެއް ބިލުތަކުގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާއިގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފަވާނެ." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ މިހާރުވެސް މަޖިލީހުގެ އެކި ކޮމެޓީތަކުގައި މުހިންމު ބިލުތަކެއްގެ މަސައްކަތް ހުއްޓިފައިވާކަމަށެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު، ޖަނަވާރުގެ ޞިއްޚަތު ބިލު، ބިނާވެށި ޕްލޭން ކުރުމައި ބެހޭ ބިލު، އިންޝުއަރެންސް ބިލު އަދި ގިނަ އަދަދެއްގެ ޤާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުތައްވެސް އޭގެތެރޭގައި ހިމެނޭކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ސަރުކާރުން ބޭނުންވަނީ މަޖިލީހުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ހުރި ބިލުތަކުގެ މަސައްކަތް ނިންމައި އޭގެ ފައިދާ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ލިބިގެން ދިއުންކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށްޓަކައި، މިދިޔަ ދެ ހަފްތާގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި، މިނިވަން މެމްބަރުންނާއިއެކު ވަނީ އެކި ފަހަރު މަތީން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ. ނަމަވެސް މިހާތަނަށް މާބޮޑު ހައްލެއް އައިސްފައެއް ނުވެއެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ބުނެފައިވަނީ މިފެށޭ ހަފްތާގައި ކޮމެޓީތަކަށް ހައްލު ނުލިބިއްޖެނަމަ، އެޕާޓީން މިކަމުގައި ޢަމަލުކުރާނެ ގޮތެއް ނިންމާނެކަމަށެވެ.