ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބުތައް ބެލެހެއްޓުމަށް ކުޅިވަރު ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމު ހުސްވެއްޖެއެވެ.
މިމަޤާމު ހުސްވެފައިވަނީ އެމަޤާމަށް އައްޔަން ކުރެއްވި ހީނާ އަޙްމަދު ސަލީމުގެ ދައުރު މިދިޔަ މަހުގެ 22 ވަނަ ދުވަހަށް ހަމަވުމާ ގުޅިގެންނެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ދައުރަކީ ހަތަރު އަހަރުގެ މުއްދަތެކެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ހީނާ ޢައްޔަން ކުރައްވާފައިވަނީ 2019 އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހެވެ.
ހީނާ އެ މަޤާމަށް ޢައްޔަން ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ. ހީނާގެ މަޤާމުގެ މުއްދަތު ހަވުމުން ސްޕޯޓްސް ކޮމިޝަނަރުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ސްޕޯޓްސް ކައުންސިލުގެ ނައިބު ރައީސާ އަލްއުޘްތާޒާ އައިޝަތު ސަމާއެވެ.
ހީނާ ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީންކުރުމުގެ ރޮނގުން ހީނާ ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ހާޞިލުކުރައްވާފައެވެ. ހީނާ ވަނީ ކުޅިވަރުގެ ދާއިރާއިން އެކި ފެންވަރުގެ ތަމްރީނުތައްވެސް ހާޞިލުކުރައްވާފައެވެ.