ޚަބަރު

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްގެ ކެމްޕެއިން މެނޭޖަރަކަށް އަމީން، ނައިބަކަށް ނާޒިމް


އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ހިންގަވަން އިސްކޮށް އުޅުއްވާނެ ބޭފުޅުން ކަނޑައަޅައިފިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އައިލެންޑް އޭވިއޭޝަންގެ އިސް މަޤާމުތަކެއް ކުރިން ފުރުއްވި ކެޕްޓަން މުހައްމަދު އަމީންއެވެ. ޑެޕިއުޓީ މެނޭޖަރަކަށް ހަމަޖެއްސީ ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމްއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރުންނަށް މަސްއޫލިއްޔަތު އެ އަމީންއާއި ނާޒިމްއަށް ހަވާލު ކުރެއްވީ އެކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސްގެ އަބްދުއްރަހީމް ޢަބްދުﷲއެވެ. އަދި އެކަމާއި ގުޅޭ ލިޔުން ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވަނީ ހަވާލުކުރައްވާފައެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ފެށުމަށް އިދިކޮޅު ކޯލިޝަނުން ދަނީ ތައްޔާރު ވަމުންނެވެ. ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަން އިދިކޮޅު ކޯލިޝަނުން ނިންމަވާފައިވީނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއް ސާބިތުވުމާއި ގުޅިގެން އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޤާނޫނުފައި ބުނާގޮތުން 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ. ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނިހާއީ ހުކުމަކަށް ނުވާތީ މަތީ މަރުހަލާގެ ކޯޓުގައި އެ ހުކުމް ބާތިލްވުމުގެ ފުރުސަތުވެސް އޮތުމުން، ރައީސް ޔާމީންގެ ކެނޑިޑަސީއާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންކަމަށް ޤާނޫނީ ބައެއް ބޭފުޅުން ވިދާޅުވެއެވެ.