ޚަބަރު

15 މީހުންނާއެެކު ދަތުރުކުރި ބޯޓަކަށް ރާޅެއް އަރައި އަޑިޔަށް ހިނގައްޖެ


މާލެއިން ފުރައިގެން 15 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓަކަށް ރާޅެއް އަރައި އަޑިއަށް ހިނގައްޖެއެވެ. މި ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށް އެމްއެންޑީއެފްގެ ކޯސްޓްގާރޑުން އެމީހުން ވަނީ ބ. އޭދަފުށްޓަށް ގެންދަވައިފައެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާ 8 ބިދޭސީން ނެވެ. މިއެންމެންގެ ހާލުވެސް ރަނގަޅެވެ.

"އާލާ" ނަމަކަށް މި ބޯޓް މާލައިން ފުރައިގެން ދަތުރުކުރަމުން ދިޔައީ ރ. މަޑުއްވަރީއަށެވެ. މުދާ އުފުލާ މި ބޯޓް އަޑިއަށް ދާން ފެށީ ބޯޓްގެ ފަހަތުކޮޅުން ރާޅެއް އަރައިގެންކަމަށް މަޑުއްވަރީން މަސްވެރިން ބުނެއެވެ. ބޯޓު އޭރު ދަތުރުކުރަމުން ދިޔައީ ކާށިދޫ ކަނޑު ހުރަސްކޮށް ބ. އަތޮޅަށް ވަނުމަށެވެ. އަދި ބޯޓަށް ރާޅު އަރައި ދިޔަވާން ފެށީ އޭދަފުށީގެ 4 ވަރަކަށް މޭލު ބޭރުގައި އޮއްވައެވެ.

މަންޒަރުތަކުން ފެންނަ ގޮތުގައި ބޯޓް އަޑިއަށް ގޮސްފައިވަނީ ކަފުޖަހައިގެން އެބޯޓް ސަލާމަތްކުރަން މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި އެބޯޓްގައި ހުރި ބައެއް މުދާތައް ވަނީ ބޯޓް އަޑިއަށް ދިޔުމާއެކު އޮޔާ ދާން ފަށައިފައެވެ.

މިބޯޓުގެ ވެރިފަރާތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދިންގޮތުގައި މިބޯޓު އަޑިއަށްދިޔައީ ދިޔަވެގެން، ފެން ބޭރުކުރުމަށް ބޭނުން ކުރި އެއް ޕަންޕް މައްސަލަ ޖެހިގެންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ މޫސުން ގޯސްވުމާއެކު ކަނޑުތައް ގަދަވެ، މިބޯޓް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު ކޯސްޓްގާރޑަށް ލިބިފައިވަނީ ރޭ ފަތިހު 05:22 ހާއިރުއެވެ. މި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު، ބ.އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުގައި އޮތް މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބ.އޭދަފުށީގައި އޮންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާރޑްގެ ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.